15 Oct 2019, 12:30
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، އެ ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރާނެ ކަމަށް އެ ކޮމިޝަނުގެ އާ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.
އޭސީސީގެ މެމްބަރުން ނުފޫޒުގައި ޖެހޭނެތޯ އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ރާއްޖޭގައި މުއައްސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތެއް އެބަ އޮތް ކަމަށެވެ. އެކަމަކުވެސް، ނުފޫޒުގައި ނުޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"އެ ސަގާފަތް އޮތްކަން އަޅުގަނޑުމެން ގަބޫލު ކުރާ ހާލު އަޅުގަނޑުމެން ފަސް މެމްބަރުން އަޒުމް ކަނޑައަޅައިގެން މި ތިބީ ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން އުޅުނު ނަމަވެސް، އަޅުގަނޑުމެންނަށް ނުފޫޒު ނުފޯރުވޭނޭ. އޭގެ އިތުރުން މީހަކު ނުފޫޒު ފޯރުވަން އުޅުނަސް އަޅުގަނޑުމެން އެކަން ހާމަވެސް ކުރާނަން. ރިޕޯޓު ކުރަން ޖެހޭ ފަރާތްތަަކަށް ރިޕޯޓު ކުރަން ޖެހިލުމެއްވެސް ނުވާނެ،" ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ އެހެން ވިދާޅުވި އިރު، ނިމިގެން ދިޔަ އޭސީސީގެ ދައުރުގައި އޭސީސީގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް އެ ކޮމިޝަނުން އޭރު ބަލަން ފެށި އެވެ.
މިހާރު އޭސީސީގެ މެމްބަރުންނަކީ އައްޑޫ ސިޓީ ހިތަދޫ ނެދުންގެ މަރިޔަމް ޝިއުނާއާއި، ގ. ވަޑިނޮޅުގެ ފާތިމަތު އަނޫލާއާއި، ޅ. ހިންނަވަރު ރޯލްގޯލްގެ އާއިޝަތު އަބްދުﷲ އާއި ދަފްތަރު ނަންބަރު 3366 އަލީ އަޝްރަފު އަދި ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލެވެ.
އޭސީސީއިން ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމަށް ޝަކީލް އައްޔަން ކުރެއްވީ، އޮގަސްޓް 25ގަ އެވެ. އޭގެ ފަހުން ސެޕްޓޭމްބަރު ނުވަ ވަނަ ދުވަހު ޝިއުނާ، އަނޫލާ، އަޝްރަފު އަދި އައިޝަތު އޭސީސީއަށް އައްޔަން ކުރީ، ކުރީގެ މެމްބަރުންގެ ދައުރު ހަމަވުމުން ހުސްވި މަގާމުތަކަށެވެ.