15 Oct 2019, 12:00
މުސާރަ ނުދެވުމުގެ މައްސަލައިގައި ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު އަނބުރާ ގެނެވޭނެ ގޮތެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އަންނަ ސީޒަން ފެށުމުގެ ކުރިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވަނީ ފުޓުބޯޅައިގެ މުސްތަގުބަލާ މެދު އުންމީދީ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން ގައުމީ ޓީމު ކުރިއެރުވުމަށްޓަކައި ފުޓުބޯޅަ ކުލަބުތައް ވެސް ނަގައި ކޮޅަށް ޖެހޭނެ ގޮތްތަކާ މެދު ހިޔާލު ގެންގުޅުއްވާކަން އޭނާ ހާމަކުރެއްވި އެވެ.
އަލީ ވަހީދު ވިދާޅުވީ، މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ގައުމީ ފުޓުބޯޅަ ޓީމު ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގެ ދެ މެޗު ކާމިޔާބު ކުރުން ކަމަށެވެ. އަދި އެ ދެ މެޗު ވެސް ރާއްޖޭގައި ކުޅެން އޮތުމުން އެކަން ކާމިޔާބު ކުރުމަށް ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ފުޓުބޯޅަ މިވަގުތު ބައިބައި ވެފައި އޮތުމުން އެކަން ކުރަން އުނދަގޫވާނެ ކަމަށާއި އެހެން ނަމަވެސް ގައުމީ ޓީމުގެ ކޮމިޓީއިން އެކަމަށް ބޭނުންވާ ފޯމިއުލާ ހޯދާނެ ކަމަށެވެ.
އަލީ ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ފުޓުބޯޅަ އާއިލާ މިވަގުތު އެންމެ ބޮޑަށް ދެބައިވެފައި އޮތީ މި ގައުމުގައި އުފެދުނު އެންމެ ބޮޑެތި ފުޓުބޯޅަ ބްރޭންޑު ތަކުގެ ބާރު ކެނޑުމުން ކަމަށެވެ. އެގޮތުން ނިއުރޭޑިއަންޓް، ވެލެންސިއާ ފަދަ ކުލަބުތައް އަލުން އަނބުރާ ފުޓުބޯޅައިގެ މައިދާނަށް ގެނެވިއްޖެ ނަމަ ގިނަ ބައެއްގެ ތަރުހީބު އަލުން އަނބުރާ ލިބޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އެހެން ކަމުން ނިއުރޭޑިއަންޓް އަދި ވިކްޓްރީގެ މައްސަލަ އަށް ޚާއްސަ ސަމާލުކަމެއްދީ އަންނަ ސީޒަންގެ ކުރިން ސޮލިއުޝަނެއް ހޯދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ނިއުރޭޑިއަންޓް އަދި ވިކްޓްރީގެ މައްސަލަ އަކީ އެންމެ ގިނަ މީހުން ކަންބޮޑުވާ މައްސަލަ ކަމަށެވެ.
މީގެ އިތުރުން އެ ކުލަބުތަކުގެ ދަރަނި ހުރީ ކިހާވަރަކަށްތޯ ބަލައި އެ ދަރަނިތައް ދެއްކޭނީ ކިހިނެއްތޯ އާއި ދެއްކުމަށްފަހު އަނެއްކާވެސް އެ ހާލަތަށް އެނބުރު ނުދާނެ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"މިކަން އަންނަ ފިލިޕީންސް މެޗުގެ ކުރިން ނުވެދާނެ، ބައެއް ކަންތައްތައް ވާނީ ތިން ދުވަހުން، އަނެއްބައި ކަންތައް ތިން މަހުން، އަންނަ ސީޒަންގެ ކުރިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާނަން." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަކީ ނިއުރޭޑިއަންޓުގެ ކުރީގެ މެނޭޖަރުކަން ވެސް ކުރި ބޭފުޅެކެވެ. އޭނަގެ މެނޭޖަރު ކަމުގައި ނިއުރޭޑިއަންޓުން ވަނީ 2013 ވަނަ އަހަރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދިވެހި ތާރީހުގެ އެންމެ ކާމިޔާބު ކުލަބުގެ ޝަރަފު ހޯދައިފަ އެވެ.
އަލީ ވަހީދު ވިދާޅުވީ، އެފަހަރު އެކަން ކުރެއްވީ ފައިސާ އަކުން ނޫން ކަމަށާއި، އެއީ ފުޓުބޯޅައަށް ދިން އިސްކަމާއި ޑެޑިކޭޝަންގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި އެފަހަރު އެހެން ބައެއް ކުލަބު ތަކުން ނިއުރޭޑިއަންޓެއް ވުރެން އިތުރަށް ފައިސާ ވެސް ހަރަދު ކުރިކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.