ސ. ހިތަދޫން: އަހުމަދު ނާއިފު

ސާކް ސަމިޓާއެކު އައްޑޫގެ ތަރައްގީގައި ދުވަހަކު ވެސް ނާންނަ އާ ސޮފުހާއެއް ފަށައިދީފި ކަމަށް މި އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ތިބީ ގަބޫލުކޮށްނެވެ. ސަމިޓުން މި ސިޓީގެ އިގްތިސޯދަށާއި އިންފްރާސްޓްރަކްޗާއަށް ދިރުން ގެނެސްފި ކަމަށް ވެސް މި ސިޓީގެ މީހުން ދެކެވެ.

"ޕައުންޑް ވެސް އެއީ އަހަރުމެން އަތުން މާލޭ މީހުން ފުރަތަމަ ގެންދިޔަ އެއްޗެއް. ބޭބެ ހަދާން ހުރޭ މިތަނުން ފުޅި ގެންގޮސްގެން ބިއްލޫރިން އެއްޗިހި ހަދާ ހަދާން. ބޭބެ ދެކެފިން އަމީނުގެ ނާސިރުގެ ވެރިކަން ވެސް. މިވަރުގެ ތަރައްގީއެއް [އައްޑޫގައި] ކުރެފވިފައެއް އަދި އެއް ނެތް،" ޓެކްސީ ކުރުމުގެ މަސައްކަތް ކުރާ އުމުރުން 60ގެ އަހަރުތައް ގުނަމުން އަންނަ އަލިބެ ބުންޏެވެ.

އައްޑުއަށް ކުރިއެރުންތަކެއް ގެނެސްދީފައި ސާކް ސަމިޓް ނިމިގެން ހިނގައްޖެ އެވެ. މި ސިޓީގެ ރައްޔިތުން ބުނަނީ ހޭބޯ ނާރާ މަސައްކަތުގައި ވަގުތު ހޭދަކުރީ ސާކް ސަމިޓް އައްޑޫއަށް ގެނެސްދީގެން ނޫނެވެ. އެހެން ދެ ސަބަބެއް ވެސް އޮވެގެންނެވެ.

"ސާކު ސަމިޓް އަހަރުމެންނަށް ކޮންމެހެން މުހިންމެއް ނުވި. އޭގެ ބަދަލުގައި ރަށަށް ތަރައްގީ ގެނައުން އަހަރުމެން ބޭނުންވީ. އެގޮތަށް ވިސްނައިގެން ވަރަށް ބުރަކޮށް ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރީ. މިކަން ގިނަ ދުވަހަށް ދަމަހައްޓަން ބޭނުންވެގެން، އެނޫން ބޭނުމެއް ނެތް،" އެ މަސައްކަތުގައި އަމަލީ ގޮތުގައި ހަރަކާތްތެރިވި ހިތަދޫގެ މީހަކު ބުންޏެވެ.
އައްޑޫގެ ރައްޔިތުންގެ ބުރަ މަސައްކަތުން މަގުތައް ހަދައި ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅީކީ އެންމެ ދެ ދުވަހަކަށް ނޫނެވެ. ޒަމާންތަކަކަށް އެތަންތަނުގެ ފައިދާ ލިބުމަށް އުންމީދު ކޮށްގެންނެވެ.

"ވިޔަފާރިތަކަށް މަދު ދުވަސްކޮޅެއްގެ ތިޔާގިކަން އައިސްފި. އެވަރަކުން އެ ނިމުނީކީ ނޫން. މި ދަމަހައްޓަން ވެސް ޖެހޭ،" މަރަދޫގައި ހޮޓަލުގެ ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ފާއިތުވި ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ވިޔަފާރިތަކަށް ހީވެސް ނުކުރާހާ ބޮޑު ފައިދާ ލިބުނެވެ. އާ ވިޔަފާރިތަކާއި ކެފޭތަކާއި ސައި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހަދައި "އޯޕަން" ބޯޑު އެޅުވި އެވެ. ކުރިންސުރެ ފަޅަށް އޮތް މާކިޅި ސަރަހައްދު އާބާދުވާން ފަށައިފި އެވެ. ކޮންވެންޝަން ސެންޓަރާ އެކު އެ ސަރަހައްދު ވެފައި ވަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހާއްސަ ސަރަހައްދަށެވެ. ވިއްސާރަވުމުން ފެން ބޮޑުވާ އަޑި ގުޑަންމަގުތަކުގެ އާބާތުރަ ފިލައި، ދުއްވަން ފަސޭހަ މަގުތަކަކަށް ވެއްޖެ އެވެ. އެކަމަކު ސުވާލަކީ މިތަރައްގީ ކިހާ ދުވަހަކަށް ދެމިގެންދާނެ ހެއްޔެވެ؟

ސާކް ސަމިޓު ބޭއްވުން ނޫނަސް ބައެއް ހަފުލާތައް މީގެ ކުރިން ވެސް އަތޮޅުތަކުގައި ބާއްވަ އެވެ. އޭރު އެޅުނު އިމާރާތްތައް ވީރާނާވެ މަގުތައް ވެސް ވަނީ ސުންނާފަތިވެފަ އެވެ. އެހެން ކަމުން ސާކް ސަމިޓާ އެކު މި ސިޓީއަށް އައި ތަރައްގީއަށް އެހެން ވެއްޖެ ނަމަ މި އަތޮޅުގެ ރައްޔިތުންގެ އުންމީދުތައް ފެނަށްވީ އެވެ.

http://sun.mv/albums/l_2300.jpg

ލިބުނު ތަރައްގީ ފަނާ ވެދާނެ ކަމަށް ހީވާތީ މި ސިޓީގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ މައްޗަށް ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"ޤައުމަށް ލިބޭ ފުރުޞަތު އެއީ ސަމިޓް ނިމުމުން، ފާޚާނާ ހޮޅިން ކަނޑަށް ބޭރުވެ ނިމިދާ ސަމިޓެއް ނަމަ، އެފަދަ ސަމިޓެއް ނުވަތަ މަހާސިންތާއެއް، މި ސަރުކާރަކުން ނުބާއްވާނެ،" ސިޓީ ސްކެއާގައި ރައީސް ވިދާޅުވި އެވެ.

ސާކް ސަމިޓު ބާއްވަން އެޅި ދަރުބާރުގެ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓާ (އީސީސީ) އަށް އެކަނި ވެސް 130 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ އިރު އިތުރަށް އެތާނގެ ބޭނުން ނުހިފިދާނަމަ ކުރެވުނު ހަރަދާއި ކުރި ބުރަ މަސައްކަތް ބޭކާރު ވެގެން ދިއުމަށް ވާނެ އެވެ. އެހެން ވެއްޖެ ނަމަ އައްޑޫގެ މަސައްކަތްތެރިންނާއި ހުނަރުވެރިންގެ މަސައްކަތާއި ފަންނުވެރިންނަށާއި މުޅި ސިޓީއަށް "ނިކަމެތިކަން" ލިބޭނެ ކަމަށް ބައެއް މީހުން ދެކެ އެވެ.

"މިތަނުގައި އަޅުގަނޑުމެން ރެއާއި ދުވާލު މަސައްކަތް ކުރިން. އެއީ ބޭނުމެއް ނެތް ގޮތަކު ނޫން. އެއީ އެތަނުން މި ސިޓީއަށް ފައިދާއެއް ލިބޭނެ ކަމަށް،" ކޮންސްޓަރަކްޝަންގައި މަސައްކަތްކުރާ މަރަދޫ އިބްރާހިމް ނިޒާރު ބުންޏެވެ.

އައްޑޫ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޮންވެންޝަން ސެންޓަރު ތަރައްގީ ކުރުމަށް "އިންޓަނޭޝަނަލް ބީލަމަކަށް" މިހާރު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ. އެ ބީލަން ކާމިޔާބު ކުރާ ފަރާތަކުން އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ އިތުރަށް ސިޓީ ހޮޓަލެއް ވެސް އަޅާނެ އެވެ.

http://sun.mv/albums/l_2298.jpg

އީސީސީގެ މަސައްކަތް އައްޑޫ ރައްޔިތުން ބޭނުންވި ގޮތަށް ކުރިއަށްދިޔަ ނަމަވެސް ބައެއް މަސައްކަތްތަކުން ފައިދާގެ ބަދަލުގައި "ދުއްތުރާ"ވާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ބައެއް މަސައްކަތްތައް ސުން ގަޑިއަށް ނިންމުމަށް އަވަސް އަރުވާލައިގެން ވެސް ކޮށްފައިވާ ކަމަށް އެފަރާތްތައް ބުނެ އެވެ.

"މަގު ހެދިއިރު އަވަސް އަރުވާލައިގެން ހެދީމާ ފެންބޮޑު ވަނީ. ފެން ހިދޭގޮތަށް ކާނެއް ހެދިފައެއް ނެތް. އެހެންވެ ގެއަށް ފެންވަދެ ތަކެއްޗަށް ގެއްލުންވަނީ،" މިރަށަށް އިއްޔެ ބޯކޮށް ވާރެވެހި ފެން ބޮޑުވުމުން ހިތަދޫ ބޮޑު މަގުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ނުނިމި ހުރި މަސައްކަތްތައް ބަރާބަރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތަށް ބުރަކި ޖައްސާފައި ނުބާއްވާނެ ކަމަށެވެ. އަދި އެކަންކަން ސިޓީ ކައުންސިލުން ކައިރިން ބަލާނެ ކަމަށެވެ.

"އެކަންތައްތައް ހުއްޓިފައެއް ނުހުންނާނެ. އަޅުގަނޑުމެން އެ މަސައްކަތްތައް ކައިރިން ބަލައި ބަރާބަރަށް ކުރިއަށް ގެންދާނަން. މިހާރުވެސް އެ މަސައްކަތްތައް އެދަނީ ކުރިއަށް،" ސޯބެ ވިދާޅުވި އެވެ.