17 Nov 2011, 08:25
ސޯލް (ނޮވެމްބަރ 17) : އުތުރު ކޮރެޔާއިން މިސައިލްތަކެއް ތަޖްރިބާކޮށްފި ކަމަށް ޚަބަރު ލިބިއްޖެވެ. ދެކުނު ކޮރެޔާގެ ޔުންހާބު ނޫސްއެޖެންސީ ބުނިގޮތުގައި އުތުރުކޮރެޔާއިން މިތަޖްރިބާތައް ކޮށްފައިވަނީ ދެކުނު ކޮރެޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައެވެ. އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައިވަނީ ބިމުން ވަޔަށް ފޮނުވާ ބާވަތުގެ އައު މިސައިލްތަކެއް ކަމަށާއި މިއީ އެޤައުމުގައި އުފައްދާފައިވާ މިސައިލްތަކެއް ކަމަށްވެސް ދެކުނު ކޮރެޔާގެ ޔުންހާބު ނޫސްއެޖެންސީ ބުނެއެވެ.
ބިމުން ވަޔަށް ފޮނުވާ ބާވަތުގެ މިސައިލްގެ އިތުރުން ބިމުން ކަނޑަށް ފޮނުވާ ބާވަތުގެ މިސައިލްތަކެއްވެސް އުތުރުކޮރެޔާގެ ސިފައިން ތަޖްރިބާކުރި ކަމަށް ދެކުނު ކޮރެޔާގެ ޖާސޫސީ ބައެއް ފަރާތްތަކާ ޙަވާލާދީ ޔުންހާބު ނޫސްއެޖެންސީ ބުނެއެވެ. ނަމަވެސް މިމިސައިލް ތަކުގެ ރާސްތާއެއް ދެކުނު ކޮރެޔާގެ ނޫސްއެޖެންސީން ހާމަކޮށްފައެއް ނުވެއެވެ.
އުތުރުކޮރެޔާއިން މިތަޖްރިބާތައް ކޮށްފައިމިވަނީ އެޤައުމުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށްޓަކައި ބާއްވަމުން ގެންދާ 6 ފަރާތުގެ ސުލްޙައިގެ ވާހަކަތަކުގައި އަލުންބައިވެރިވާނެކަން އުތުރުކޮރެޔާ ސަރުކާރުން ހާމަކޮށްފައިވަނިކޮށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އުތުރުކޮރެޔާއިން ދެކުނު ކޮރެޔާގެ ޔޮންގބިޔޮންގ ޖަޒީރާއަށް ވައިގެ ޙަމަލާތަކެއްދިނުމާ ގުޅިގެން ގޯސްވެގެންދިޔަ ދެޤައުމުގެ ގުޅުންތައް މިހާރުވަނީ ރަނގަނޅުވާން ފަށާފައެވެ.
އުތުރުކޮރެޔާ ދީފާނެ ކުއްލި ހަމަލާތަކަކުން ސަލާމަތް ވުމަށްޓަކައި ދެކުނު ކޮރެޔާއިންވަނީ ޔޮންގބިޔޮންގ ޖަޒީރާއަށް "ޗުންމާ" މަރުކާގެ މިސައިލް ދާދިފަހުން ޖަމާކޮށްފައެވެ. -- ޖަރުމަނު ނޫސްއެޖެންސީ