ފެނީ ޕެކް އެކޭ ބުނެފިއްޔާ ކޮންމެ މީހަކަށް އަދި ނޭނގިދާނެ އެވެ. ނަމަވެސް މިއީ އެންމެނަށްވެސް ފެނިފައިވާނެ އެއްޗެކެވެ. ކާފަމެނާއި ބޮޑުބޭބޭމެން ދުފާ އެއްޗެހި އަޅަން އުނަގަނޑުގައި އަޅާފައިވާ ދަބަހުގެ މަތިން ހަނދާން ވޭ ހެއްޔެވެ؟ ކާފަމެންގެ އުނަގަނޑުގައި އެޅި އެ އެ ދަބަސް މިހާރު ދިވެހި ޒުވާނުންނަށް ކަމުދާން ފަށައިފި އެވެ. ޒުވާން އަންހެނުންނާއި ފިރިހެނުންގެ މެދުގައި މި ދަބަސް، ފެޝަން ޓްރެންޑަކަށް ވެއްޖެ އެވެ.

މިޒާތުގެ ދަބަސް ބޭނުން ކުރާތާ އެތައް ދުވަސްތަކެއް ވެފައިވާއިރު، މި ދަބަސް މިހާރު ދިވެހި ޒުވާނުންނަށް މާކަ ކަމު ގޮސްގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ގިނަ ބަޔަކު ބުނާގޮތުގައި އެއީ ދެން މިހާރު މުޅި ދުނިޔެވެސް ފަތަހަ ކުރަމުން އަންނަ ފެޝަން ޓްރެންޑެކެވެ.

ހަގީގަތުގައިވެސް ފެނީ ޕެކްގެ ޓްރެންޑު ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އާންމުވެފަ އެވެ. މި ޓްރެންޑް އެންމެ ބޮޑަށް ވައިގައި ހިފާފައި ވަނީ ކޮރިއަން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީންނެވެ. ކޮރެއަން ޕޮޕް މިއުޒިކް އާއި ޓީވީ ޝޯތަކުން މިއީ ވަރަށް ގިނައިން ފެންނަ ފެޝަނަކަށް ވެއްޖެ އެވެ. އަދި ފެޝަންގެ ދުނިޔޭގައި ނުފޫޒު ގަދަ އެމެރިކާގެ މޮޑެލްތަކުން ވެސް މި ދަބަސްތައް ބޭނުންކުރަން ފަށައި އެވެ.

ފެޝަން ޓްރެންޑަކާ ގުޅުވުމުގެ އިތުރުންވެސް ޒުވާނުން އަންނަނީ މި ދަބަސް ގިނަ ކަންކަމުގައި މިހާރު ބޭނުންކުރަމުންނެވެ. އެ މީހުން އަތްދަބަހުގައި ގެންގުޅޭހާ ސާމާނު އަޅަން އެ ދަބަސް މާ ފިޓްވަނީ އެވެ. އަދި ފިރިހެން ކުދިންނަށް މި ދަބަސް ކަމުދާ އެއްޗަކަށް ވާން ފަށައިފި އެވެ.

"މިހާރު ޖީބުތަކެއް ނުފުރޭ. ވޮލެޓާއި ފޯނު ހަމަ ފެނީ ޕެކް ތެރެއަށް ވައްޓާލީމަ ނިމުނީ. ދެން އެ ހުރިހާ އެއްޗެއް އެހުރީ އެއް އެއްޗެއްގައި ރައްކާކުރެވިފައި،" ޒުވާން ފިރިހެނަކު "ސަން" އަށް ކިޔައިދިނެވެ.

ފެނީ ޕެކް ފަސޭހަ ވާ ސަބަބަކީ ވެސް އެހެން ދަބަސްތަކާ ހިލާފަށް މި ދަބަސް ގެންގުޅެލަން ފަސޭހަވުމެވެ. ކޮނޑުގައި އަޅުވާ ދަބަހަކަށްވުރެ އުނަގަނޑުގައި އަޅާލީމައި ހައްޓަށްވެސް ލުއީ އެވެ.

"އެންމެ ބޭނުންވާނީ ދާ ތަނަކަށް ފޯނާއި ވޮލެޓް ދެން ތަޅުދަނޑިތައް. ޖީބަށް ލީމައި ބައެއް ފަހަރު ވެއްޓިދާނެ. ބޮޑު ދަބަހެއް އަޅުވައިގެން ނޫޅެ މި ކަހަލަ ކުޑަ ދަބަހެއް ގެންގުޅެން ވީމަ ސަޅި އެންނު،" ޒުވާން އަންހެނަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި އާންމުކޮށް ގެންގުޅޭ އަތް ދަބަސްތަކަށްވުރެ ފެނީ ޕެކް އެއް ގެންގުޅެން މާ ބޮޑަށް ވެސް ފަސޭހަވަނީ އެވެ. އޭނާ ބުނީ އެ ދަބަސްތައް އުނަގަނޑުގައި އަޅުވާލާފައި އޮތުމުން އަތް ދަބަސް ބަރުވެގެން އުޅޭކަށް ނުޖެހެ އެވެ.

ކުރީގައި ފެނީ ޕެކް އާންމުކޮށް ބޭނުންކުރަމުން އައިސްފައިވަނީ އެއް ގޮތަކަށެވެ. އެއީ އުނަގަނޑުގައި ބަދެލައިގެން އެވެ. ނަމަވެސް މިހާރު ފެނީ ޕެކް ކޮނޑުގައިވެސް އަޅުވަން ފަށައިފި އެވެ. މިޒާތުގެ ދަބަސް އެއް އަރިއަކަށް ކޮނޑުގައި އަޅުވާލައިގެން އުޅެނީ، އާންމުކޮށް ޒުވާން ފިރިހެނުންނެވެ.

ފެނީ ޕެކް އަކީ ވަރަށް ކުރީންވެސް މީހުން ބޭނުންކުރަމުން އައިސްފައިވާ އެއްޗެކެވެ. އެގޮތުން އެންމެ ފުރަތަމަ އެ ބޭނުންކުރަން ފަށާފައިވަނީ 1962 ގައެވެ. ފުރަތަމަ ފެނީ ޕެކް އެއް ހަދާފައިވަނީ އޮސްޓްރޭލިއާގެ އަންހެނެއް ކަމަށްވާ މެލްބާ ސްޓޯން އެވެ. އޭނާއަށް ފެނީޕެކްގެ ހިޔާލު އައިސްފައިވަނީ ކެންގަރޫތަކުންނެވެ.

ސްޓޯން އަށްފަހު ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ގުޗީ އާއި ޕްރާޑާ އަދި ލުއީ ވުޓޯން އިން ވެސް ވަނީ އެކި ކަހަލަ ފެނީ ޕެކް ބާޒާރަށް ނެރެފަ އެވެ.

ސޯޝަލް މީޑިއާގެ އިންފްލުއެންޒަރުން ފެނީ ޕެކްތަކާ އެކު ފެންނަން ފެށުމުން މި ފެނީ ޕެކްގެ ޓްރެންޑު އަވަހަށް މަރުނުވާނެކަން ޔަގީނެވެ. އެއީ އެ މީހުންގެ ނުފޫޒު ފެޝަންގެ ދުނިޔޭގައި ބޮޑުކަމެވެ.