17 Nov 2011, 08:22
ބެންގކޮކް (ނޮވެމްބަރ 16) : ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވާޓްރާގެ ބޭބެ ތަކްސިން ޝިނަވަޓްރާގެ މައްޗަށް ކޯޓުން ކޮށްފައިވާ ޖަލުގެ ޙުކުމް އުވާލައި އޭނާއަށް މަޢާފް ދިނުމަށް ތައި ސަރުކާރުން ހުށަހަޅައިފިއެވެ.
ބެންގކޮކްގައި އިނގިރޭސިބަހުން ނެރޭ ނޫހެއް ކަމަށްވާ "ބެންގކޮކް ޕޯސްޓް" ބުނިގޮތުގައި ތައި ސަރުކާރުގެ މިހުށަހެޅުން ދިރާސާކުރުމަށްފަހު ކެބިނެޓުން މިހާރުވަނީ ތަކްސިންގެ މައްޗަށް ކޯޓުން ކޮށްފައިވާ ދެ އަހަރުގެ ޙުކުމް އުވާލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅުމަށް ނިންމާފައެވެ. ތަކްސިންއަށް މަޢާފް ދިނުމުގެ ހުށަހެޅުން ދިރާސާކުރުމަށް ބޭއްވި ކެބިނެޓްގެ ޖަލްސާގައި އޭނާގެ އަންހެންކޮށްކޮ އަދި ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ތައިލެންޑްގެ ޤާނޫނު އަސާސީ ބުނާގޮތުން އުމުރުން 60 އަހަރުވެފައިވާ މީހެއްގެ މައްޗަށް ކޯޓުން ކޮށްފައިވާ 3 އަހަރަށްވުރެ ދަށުގެ ޖަލުޙުކުމެއް ބާތިލްކުރުމުގެ ޤާނޫނީ ބާރު ސަރުކާރަށް ލިބިގެންވެއެވެ. ނަމަވެސް ސަރުކާރަށް މިކަން ކުރެވޭނީ މިކަމަށްއެދި ހުށަހަޅާ ހުށަހެޅުން ޕާލަމެންޓްގެ އަޣްލަބިއްޔަތުން ތަސްދީޤް ކުރުމުންނެވެ. ތައި ޕާލަމެންޓްގެ އަޣްލަބިއްޔަތު ތަކްސިންގެ ޕާޓީއަށް ލިބިފައިވާތީ އޭނާއަށް މަޢާފް ދިނުމުގެ މިހުށަހެޅުން ޕާލަމެންޓުން ތަސްދީޤުކުރާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.
ތަކްސިންގެ ޕާޓީގެ މިހާރުގެ ވެރިއަކީ އޭނާގެ އަންހެންކޮށްކޮ އަދި ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާއެވެ. އުމުރުން 62 އަހަރުގެ މަހުޖަނެއް ކަމަށްވާ ތަކްސިން ބޮޑުވަޒީރު ކަމުގެ މަޤާމުން ދުރުކޮށްފައިވަނީ 2006 ގައި އެޤައުމުގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބެއްގައެވެ. އެއަށްފަހު ކޮރަޕްޝަނުގެ ތުހުމަތުގައި ސަރުކާރުން ހުށަހެޅި މައްސަލައެއް ސާބިތުވެގެން 2 އަހަރަށް ޖަލަށްލުމަށް 2008 ވަނަ އަހަރު ތައިލެންޑްގެ ކޯޓަކުން ތަކްސިންގެ މައްޗަށް ޙުކުމްކޮށްފައިވެއެވެ. ތަކްސިން ދިރިއުޅުއްވަނީ ދުބާއި ގައެވެ.
މިދިޔަ ޖުލައިމަހުގެ 3 ގައި ތައިލެންޑްގައި ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ޔަންގްލިކްގެ ޒަޢާމަތުގެ ދަށުން ތަކްސިންގެ "ވޫތައި" ޕާޓީންނެވެ. އިންތިޚާބު ކާމިޔާކު ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޔަންގްލިކްވަނީ އެކަމަނާއަކީ ބޭބެ ތަކްސިންގެ ކޮޕީއެއް ކަމަށް ސިފަކުރައްވާފައެވެ. -- ޑީބީއައި