ރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހީންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ގާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ"ގެ ނަމުގައެވެ. މި ބިނާ ވެގެންދާނީ މިޤައުމުގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށެވެ.

މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯމް ބޯޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި މި ފޯމް ބޯޑްގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި މި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯރޑް ފޯމެޓްގައި ސީޑީއެއްގައެވެ. އަދި އިސްވެ ދެންނެވުނު ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައެވެ.

މި ހުށަހަޅުންތަކާއެކު ފަރުމާކުރާ ފަރާތުގެ ވަނަވަރު ހިމެނޭ މައުލޫމާތު ޝީޓާއި އަދި އެފަރާތުގެ އައިޑީކާޑު ކޮޕީވެސް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. ފަރުމާ ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނީ ވަކިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެށެވެ.

މިމުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު" ގެ މިލްކެއްގެ ގޮތުގައެވެ.