15 Oct 2019, 00:19
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓާސެޕްޓާ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެއެވެ.
ފާސްޓް އިންޓާސެޕްޓް ކްރާފްޓަކީ، ކަނޑުމަތީ އޮޕަރޭޝަންތައް ބޭނުންކުރާ ވަރަށް ބާރަށް ދުވާ އުޅަނދެކެވެ.
އެމްއެންޑީއެފް އިން ބުނީ، އެ އުޅަނދުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ގާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ގަނޫނާއި ގަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ މި އުޅަނދަކީ އިންޑިއާގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފަސްޓް އިންޓާސެޕްޓް ކްރާފްޓަކީ، އާންމުގޮތެގައި ވަޒަން ނުވަންނަ އަދި ފެންވެސް ނުވަންނަ އުޅަނދުތަކެކެވެ. އެއީ މީހުން އުފުލުމަށް ބޭނުންކުރާ ޒާތުގެ އުޅަނދެއް ނޫނެވެ.
އެމްއެންޑީއެފް އިން މިހާރު ބޭނުން ކުރަމުންއަންނަ ކޯސްޓްގާޑް ޝިޕް ހުރަވީ އަކީވެސް އިންޑިއާގެ ފަރާތުން ހިލޭ އެހީގެ ދަށުން ދީފައިވާ އުޅަނދެކެވެ. ޖުމްލަ 46 މީޓަރުގެ އެ އުޅަނދު ހަދިޔާކޮށްފައިވަނީ އެޕްރީލް، 16، 2006 ގައެވެ.