14 Oct 2019, 23:44
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު ހުސްވެ، ލީޑާޝީޕް އިންތިހާބު އަންނަ މަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެންމެ ފަހުން އެމްޑީޕީގެ ލީޑާޝީޕް އިންތިހާބު ބޭއްވީ މީގެ ފަސް އަހަރު ކުރިން އޮގަސްޓު 2014 ގައެވެ. އޭރު އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ މަގާމުތަކަށް ހަމައެކަނި ވާދަކުރެއްވި، ދެ ބޭފުޅުންނެވެ. އެއީ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
އެމްޑީޕީން މިއަދު ނެރުނުނޫސްބަޔާނުގައިބުނީ، އެ ދެފަރާތުގެ މަގާމު މިހާރު ހުސްވެފައިވާތީވެ އެ މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ.
އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ދުވަހުއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށެވެ.
އެމްޑީގެ ރައީސްގެ މަގާމު ހުސްވި އިރު، އެ ޕާޓީގެ މެމްބަރުން މިހާރު ދަނީ ރައީސް ނަޝީދަށް އާ ދައުރަކަށް ކެމްޕެއިން ކުރަން ފަށާފައެވެ.
ރައީސް ނަޝީދަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ލިބިވަޑައިގަތީ، 33،709 ވޯޓެވެ. ނައިބު ރައީސް ކަމަށް ވާދަކުރެއްވި ޝިފާޒަށް ލިބިވަޑައިގަތީ، 21،052 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ، 57،204 މީހުންނަށެވެ.