ރައްޖޭގެ ބޯޑަރުގެ މަސައްކަތް ކުރާ ހަތް މުއައްސަސާއެއް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވިއުގައަކުން ގުޅާލުން 2021 ގެ ނިޔަލަށް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގަރާރާކުން އުފައްދާފައިވަނީ އިއްޔެ އެވެ. އެ ކުންފުންޏަކީ އިމްޕޯޓް އެކްސްޕޯޓު ދާއިރާގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރި ކުރާ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ގުޅާލައި، އިލެކްޓްރޯނިކްކޮށް މައުލޫމާތު ބަދަލު ކުރުވޭނެ ގޮތް ފަހިކުރުމަށް އުފައްދާފައިވާ ކުންފުންޏެވެ. ރާޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާނެ ފަރާތަކީވެސް އެކުންފުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން ބޯޑަރުގައި ހަރަކާތްތެރިވާ ހަތް މުއައްސަސާއެއްގެ އައިޓީ ސިސްޓަމްތައް، އެއް ވިއުގައަކުން ގުޅުވާލެވިގެންދާނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިސްޓްރީ، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ، ފިޝަރީޒް މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީގެ އައިޓީ ނިޒާމްތައް ގުޅުވިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، އެ ނިޒާމް އެކުލަވާލުމާއެެކު، މުދާ އިމްޕޯޓްކޮށް އަދި އެކްޕޯޓުކުރުމަށް ސަރުކާރުގެ އެކި އެކި އިދާރާތަކަކުން ނަގަން ޖެހޭ ހުއްދަތައް ހޯދުމަށް ވަކި ވަކިން ދިޔުން ނިމުމަކަށް ގެނެވި އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ ކަމަށެވެ.

"އޮޓަމޭޓްކުރެވިފައިވާ ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ބޭނުންވާ ޑިކްލަރޭޝަނާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކަށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން ޑިއުޓީ އަދި އެހެނިހެން ފީތައް އޮންލައިންކޮށް ދެެއްކޭނެ އިންތިޒާމް ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެއާއެކު އެތަށް ގޮތަކުން ވިޔަފާރިވެރިންނަށް ފަސޭހަވެގެންދާނެ ކަމަށާއި، އަދި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދުލު ކުރެވި، މުދާ އިމްޕޯޓު އެކްސްޕޯޓުކުރުމުގެ ރެގިއުލޭޓަރީ މަސައްކަތް ހަރުދަނާ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، މިހާރު އެންމެ އިސްކަމެއް ދީގެން މައްސައްކަތް ކުރަމުންދަނީ، ހަތް މުއައްސަސާ ގުޅުވާލުން ކަމަށާއި ނޮވެމްބަރު މަހުގެ ކުރިން އައިޓީ ސިސްޓަމް ލޯންޗު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުންދާކަމަށެވެ. އަދި ސިންގަލް ވިންޑޯގެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގައި މަސައްކަތް 2020 ގެ ނިޔަލަށް ނިންމައި، ދެވަނަ ފިޔަވަހީގެ މަސައްކަތް 2021 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު ބޯޑަރުގައި ހަރަކާތްތެރިވާ ހަތް މުއައްސަސާގެ އައިޓީ ނިޒާމުތައް ސިންގަލް ވިންޑޯގެ ނިޒާމްގެ ތެރެއިން ގުޅުވާލެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.