ރ. އިނގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށެއްގެ ސަރަހައްދުގައި ފީނަމުން ދަނިކޮށް ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ފަޔަށް ބޮޑެތި ގެއްލުންތަކެެއް ލިބި ފައި ބުރިކޮށްލި އަބްދުﷲ ހަލީމް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަން ނިންމައިފިއެވެ.

ހަލީމްގެ އާއިލާގެ މީހަކު "ސަން"އަށް ބުނީ އެ ހާދިސާއާ ގުޅިގެން ބުރިކޮށްލީ އޭނާގެ ވާތުފައިގެ ކަކުލުހުޅުން ތިރިން ކަމަށެވެ. ނަަމަވެސް ދެ ފަޔަށްވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަަމަށް އާއިލާއިން ބުންޏެވެ.

"މިހާ ބޮޑު އޮޕަރޭޝަނެއް ކުރީމަ ފަސޭހަވާންވެސް ދުވަސް ނަގާނެ. އުއްމީދަކީ އަލުން ޕްރޮސްތެޓިކް ފައެއް ގުޅުވާލުން،" އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ ފައި ސަލާމަތްކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ ޒަޚަމްވި ފައި މާބޮޑަށް ކުނިވުމުން ކަމަށެވެ. އެ ހާދިސާ ހިނގީ މެންދުރު ނަމަަވެސް ހަލީމް މާލެ ގެނެސް ފައި ގުޅުވަން މަސައްކަތްކުރެވުނީ ރޭގަނޑު 12 ވެސް ޖެހިފަހުންނެވެ.

ޒުވާނާއަށް އިނގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފައެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.