14 Oct 2019, 23:29
ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފެށިފަހުން މިހާތަނަށް 88 ސީޓީ ސްކޭން ހަދައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާވޫދު "ސަން" އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށިފަހުން އެ އަތޮޅުން އެ ހިދުމަތް ހޯދުމަށް މާލެ ދާ ރައްޔިތުން މަދުވެފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށީ މިދޔަ ޖުލައި މަހުގެ ފަސް ވަނަދުވަހުއެވެ.
ދާވޫދު ވިދާޅުވީ މިއަހަރު ފެށުނު ފަހުން މިދިޔަ ޖުލައި މަހާ ހަމައަށް އެ ހޮސްޕިޓަލްގައި ސީޓީ ސްކޭން ނުހެދިގެން 35 ކޭސް އެހެން ހޮސްޕިޓަލްތަކަށް ރިފާވެސްކޮށްފައިވާ ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ބޭރުގެ ރޭޑިއޮލޮޖިސްޓެއްވެސް މިހާރު އެރަށުގައި ހުރެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިވަގުތު 30 ޑޮކްޓަރުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި 24 ސްޕެޝަލިސްޓުންވެސް ހިމެނެއެވެ. ސްޕެޝަލިސްޓުންގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި. ކާޑިއޮލޮޖިސްޓުންނާއި، އީއެންޓީގެ އިތުރުން ލޮލާއި ހަމުގެ ޑޮކްޓަރުން ހިމެނެއެވެ.