14 Oct 2019, 15:04
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްކަމުން މުހައްމަދު ޝަހީބު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމް އިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މި މަހުގެ 20ގެ ނިޔަލަށް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
ބްރޯޑްކޮމްއަށް އައްޔަނުކުރާ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހެ އެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިނުވާ، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވިފައިވާ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ސިވިލް ސާވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހުންނަށާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހުންނަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ބްރޯޑްކޮމް އިން ޝަހީބު އިސްތިއުފާދެއްވީ މި މަހުގެ 10 ވަނަ ދުވަހެވެ. ޝަހީބު އިސްތިއުފާ ދެއްވި އިރު، ބްރޯޑްކޮމްގެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެ މަގާމު ވެސް މިހާރު ވަނީ ހުސްވެފައެވެ.
މީގެކުރިން ވެސް ބްރޯޑްކޮމް އިން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭރު ހުސްވި ދެ މަގާމަށް 36 ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ.
ބްރޯޑްކޮމް އަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުންވެސް ހިމެނެ އެވެ.
އެ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ނަންތައް ދިރާސާ ކުރުމަށް މިދިޔަ އޯގަސްޓު މަހު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.