14 Oct 2019, 16:35
ޓޯކިޔޯ (އޮކްޓޯބަރ 14) : ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ "ހަގިބިސް" ޖަޕާނަށް އެރުމުގެ ސަބަބުން 33 މީހުން މަރުވެ ހުރިހާ ކޯރުތަކެއް ފުރިބަންޑުންވުމުގެ ސަބަބުން ގައުމުގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާ ކަމަށް ޖަޕާނުން ބުނެފި އެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓާ "އެންއެޗްކޭ" އިން ބުނީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ވެސް މިހާ ގިނަ ސަރަހައްދުތަކެއްގައި ޖަޕާނުގައި ފެންބޮޑުވެފައިނުވާ ކަމަށާއި މިހާރު ފެންބޮޑުވެފައި ވަނީ ކާރިސާއެއްގެ ފެންވަރަށް ކަމުގަ އެވެ. "އެންއެޗްކޭ" ޚަބަރުދޭ ގޮތުގައި ހަގިބިސް" ތޫފާނުގެ ގަދަވަޔާއި ސައުވީސްގަޑީއިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން 33 މީހުން މަރުވެ 19 މީހުން މީހަކު ގެއްލިފައިވާ އިރު 166 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަށްޑިހަ ހާސް މީހުންނަށް ވަގުތީ ހިޔާވަނީ ފޯރުކޮށްދީފައިވާ އިރު ހަ މިލިޔަން މީހުންވަނީ ތޫފާންގެ ކުރިން ރައްކާތެރި ތަންތަނަށް އަމިއްލައަށް ގޮސްފަ އެވެ.
ޖަޕާނުގައި ފެންބޮޑުވެފައިވާ ސިޓީތަކާއި އަވަށްތަކާއި ވިލެޖްތަކުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެގައުމުގެ ދިފާއީ ލަޝްކަރު ކަމަށްވާ "ސެލްފް ޑިފެންސް ފޯސަސް"ގެ 27،000 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ހޮނިހިރު ދުވަހު ޖަޕާނަށްއެރި "ހަގިބިސް" ތޫފާން ފުރަތަމަ އެރީ އެގައުމުގެ އެންމެ ބޮޑު ޖަޒީރާކަމަށްވާ ހޮންޝޫއަށެވެ. ހޮންޝޫ ހުރަސްކޮށް ޕެސިފިކް ކަނޑުން ޖަޕާން ކަނޑަށް "ހަގިބިސް" ދަތުރުކުރި އިރު އެތޫފާންގެ ވައި ހުރީ ގަޑިއަކު 144 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ.
އެތޫފާން މިހާރުވަނީ ޖަޕާންގެ އުތުރުގެ ހޮކައިޑޫ ޖަޒީރާ ހުރަސްކޮށް ހުޅަނގުން ޖަޕާން ކަނޑަށްގޮސްފައެވެ. "ހަގިބިސް" ގެ ސަބަބުން އެންމެ ބޮޑަށް ނަގަނޯ ސިޓީގައި ހަތް ފޫޓަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ހަގިބިސް" ހޮންޝޫ ޖަޒީރާއަށް އެރީ ހޮނިހިރު ދުވަހު އެވެ. އެ ތޫފާންއެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޖަޒީރާއަށްވަނީ ބިންހެލުމެއްވެސް އައިސްފަ އެވެ. (ނޫސްއެޖެންސީތައް)