16 Nov 2011, 19:55
ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމު ކުރި ކޮންވެޝަން ސެންޓަރުގައި ބެހެއްޓި އެއް މެގަ ވޮޓްގެ ބެކަޕް ޖަނަރޭޓަރު ސިސްޓަމް ސަދަން ޔުޓިލިޓީސް އިން ގެންދަން މަސައްކަތް ކުރުމުން އައްޑޫ ސިޓީ އިން އެކަމަށް އިންކާރުކޮށް އެ ޖަނަރޭޓަރު ސެޓް ގެންދިއުން ހުއްޓުވައިފި އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެ ސަދަން ޔުޓިލިޓީގެ ބޭފުޅުން ވަޑައިގެން އެކްސްކަވަޓޭރަކުން "ދަމައި ކޫތައި" ޖަނަރޭޓަރު ހުރި ކޮންޓޭނަރު ގެންދަން މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ކޮންޓޭނަރަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އޭނާ ބުނީ މުސްތަގުބަލުގައި ކޮންވެޝަން ސެންޓަރު ބޭނުން ކުރާ އިރު ވެސް އެ ބެކަޕް ސިސްޓަމް ބޭނުން ވާނެ ކަމަށާއި އެ ސިސްޓަމް ގެންދިއުމަކީ މައްސަލައެއް ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ވިދާޅުވީ ކޮންވެޝަން ސެންޓަރަކީ އަދި ވެސް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށާއި އެތަނުގައި ހިމެނޭ ތަކެތީގެ އިންވެންޓްރީ އަދި ސަރުކާރުން ސިޓީ ކައުންސިލާ ހަވާލު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަ އަކާ ހަވާލާދީ އޭނާ ވިދާޅުވީ "ބޯކޮށާ ކަތުރުން ފެށިގެން ތަން ސާފުކުރާ މަށަން ދައްޗަށް ދަންދެން" ކޮންވެޝަން ސެންޓަރުގައި ހުރި އެއްޗިއްސަކީ ކޮންވެންޝަން ސެންޓަރުގެ ތަކެތި ކަމަށެވެ. އެހެން ކަމާ އެކު ސަރުކާރުން އެ ނޫން ގޮތަކަށް ހަމަ ނުޖައްސާހާ ހިނދަކު އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ގެންދެވިގެން ނުވާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
ސައުންޑްޕްރޫފް ބެކަޕް ޖަނެރޭޓަރު ސިސްޓަމް ހިފެހެއްޓި ކަމަށް ސޯބެ ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި "ޝޯއެއްދީފައި ކަހަލަ ގޮތަކަށް" ކޮންވެންޝަން ސެންޓަރަށް ގެންދިޔަ ތަކެތި ގެންދެވިގެން ނުވާނެ ކަމަށެވެ.
ސަދަން ޔުޓިލިޓީސްގެ ޗެއާމަން އަހުމަދު ޒަރީރު މިއަދު ވިދާޅުވީ އެ ޖަނަރޭޓަރު ސިސްޓަމަކީ ސަދަން ޔުޓިލިޓީސް އިން ބަލަހައްޓާ ސަދަން ޔުޓިލިޓީސްގެ މުދާ ކަމަށާއި އެ ބޭނުން ކުރާނެ ގޮތް އެނގޭނީ އެ ފަރާތަށް ކަމަށެވެ. އަދި ޖަނަރޭޓަރު ސިސްޓަމް ގެންދަން އުޅުނީ އެކަހެރި ތަނެއްގައި ހުރުމުން ރައްކަލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވެސް ވިދާޅުވީ ސަރުކާރުން ނިންމާ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށެވެ.