14:30


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި، ޑީއާރްޕީން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ސަން އެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ ޑީއާރްޕީގެ ތިން މެމްބަރަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި މި ހަފުތާގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމައިފައިވާނުވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން ވިދާޅުވީ މި މަހުގެ 30 އަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކޮށްފައިވާ އެ މައްސަލައާ މެދު ގޮތެއް ނިންމަން އަދި ވަގުތު އެބައޮތް ކަމަށާއި އަންނަ އާދިއްތަ ދުވަހު އޮންނަ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ގޮތެއް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް ތަސްމީން ވިދަޅުވި އެވެ.


ޑރ. މުސްތަފާ ލުތުފީގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޑީއާރްޕީގެ އެހީ ހޯދުމަށް ސަރުކާރުން ނުވަތަ އެމްޑީޕީން، ޑީއާރްޕީ އަށް ލޮބީކުރޭތޯ ދެންނެވުމުން ތަސްމީން ވިދާޅުވީ އެ މަނިކުފާނަށް އެނގިވަޑައިގެން އެކަހަލަ ކަމެއް ހިނގައިފައިނުވާ ކަމަށެވެ.


ޑރ. މުސްތަފާ ލުތުފީގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޑީއާރުޕީން ސީދާ ހިއްސާނުވާ ކަމަށާއި އެކަމުގައި ޑީއާރުޕީން ބައިވެރިނުވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.