ކޯޓުން ބޭރުގައި ހައްލު ކުރަން ޖެހިފައިވާ، ސަރުކާރު ޝާމިލުވާ މައްސަލަތައް ބަލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އުފެއްދި ސެޓަލްމެންޓް ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދޭން އަމިއްލަ އޮޑިޓް ފާމްތައް ހޯދަން ނިންމައިފި އެވެ.

މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސެޓަލްމެންޓް ކޮމިޓީއަށް ހުށަހެޅޭ މާލީ ލިޔެކިޔުންތައް އޮޑިޓްކޮށް، ގެއްލުމުގެ މިންވަރު ދެނެގަނެ، ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރު އެކަށެއެޅުމަށްޓަކަައި މިނިވަން އޮޑިޓް ފާމްތައް އައްޔަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައު އެ އޮޑިޓް ފާމްތަކުގެ ޒިންމާއަކަށް ވާނީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި، ލިޔެކިޔުންތައް އިވެލުއޭޓުކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ، ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރު އެކަށެއެޅުމުގައި ކޮމިޓީއަށް ލަފާ އެރުވުމެވެ.

"ކޯޓުން ބޭރުގައި ހައްލު ކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގުސަދަކީ އެކި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ނަގައިދޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީންކޮށް، ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތެއްގައި ހިމާޔަތް ކުރުމެވެ." އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި، އެ މަސައްކަތް އޮޓިޑް ފާމްތަކާ ހަވާލު ކުރާނީ ބިޑް އުސޫލުން ކަމަށެވެ. އަދި މަސައްކަތުގެ ތަފްސީލު ހިމެނޭ ޓާމްސް އޮފް ރިފަރެންސާއި، ބީލަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުގައި ދައުލަތުން އަމިއްލަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިހާތަނަށް އެއް ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެއްބަސްވުން 2013 ގައި އުވާލި މައްސަލައިގައި، ދިވެހި ސަރުކާރުން ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި 280 މިލިއަން ރުފިޔާ އާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ އާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ދޭން ޖެހުނު 800 މިލިއަނެއްހާ ރުފިޔާ ހިމެނެ އެވެ.