ތުރުކީ ވިލާތުގެ ވަގު ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ފުރަން އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަން ޑިޕާޓްޓްމަންޓުން މިއަދު ހިފައްހަޓައި މައްސަލަ ބަލަންފަށައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަބްދުﷲ ޝާހިދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ ސީރިޔާގެ 13 މީހަކު ކަމަށާއި އެ މީހުން އައީ ވެސް ވަގު ޑޮކިއުމެންޓްގައި ކަމަށާއި ނަމަވެސް އެކަން ފަޅާ އެރީ، އޭގެ ތެރެއިން ދެ މީހަކު ކުރިން ފުރުމަށް ފަހު، އަނެއް 11 މީހުން މިއަދު ފުރަން އުޅެނިކޮށް ކަމަށެވެ.

ފަޅާ އެރިގޮތެއް ޝާހިދު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހުން މިއަދު ފުރަން އުޅުނީ ޒިޔުރިކަށް ދިއުމަށެވެ. އަދި ޓޫރިސްޓް ވީސާގައި ރާއްޖެ އައިސް ގެސްޓް ހައުސްއެއްގައި ތިބުމަށް ފަހު މިއަދު ފުރަން ދިޔަ އިރު، ޓިކެޓް ގަތުމަށް ފަހު އެ މީހުންގެ އަތުގައި އޮތީ 15 ވަރަކަށް ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މީހުން ފުރަން ދިޔައީ ކޮން އެއާލައިނަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ މީހުން އަނބުރާ ސޫރިޔާ އަށް ދާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ ޔޫއެންޑީޕީ އާއި އަދި އެ ނޫނަސް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ދޭތެރޭ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލެއް އުޅޭ ކަމަށާއި އެކަމުގައި ހިއުމަން ޓްރެފިކިންގެ މައްސަލައެއް ނޫނީ ސުމަގުލްގެ މައްސަލައެއް އުޅެފާނެތީ އެކަން ބައްލަވަމުން އަންނަ ކަމަށެވެ.