14 Oct 2019, 11:35
މޯލްޑިވިއަން އައިޑަލް ސީޒަން 3 އިން ވިދާލި ހަސަން ޝަހުދާންގެ ފުރަތަމަ އަމިއްލަ ސޯލޯ ލަވަ "ކަބީލާ" މި މަހު 18 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވެއްޖެ އެވެ.
އެ ލަވައާއި ގުޅޭގޮތުން ސަންއަށް މައުލޫމާތު ދެމުން ޝަހުދާން ބުނީ މިއީ އޭނާ އުފައްދަމުންދާ އަމިއްލަ އަލްބަމެއްގައި ހިމެނޭ 5 ލަވައިގެން ތެރެއިން ރިލީޒްކުރާ ފުރަތަމަ ލަވަ ކަމަށެވެ.
ޝަހުދާން ބުނީ އެ ލަވަ އުފެއްދުމުގައި އޭނާ އެންމެ ބޮޑަށް އިންސްޕަޔަރ ވީ ޒީރޯ ޑިގްރީ އެޓޯލްގެ ފަރާތުން ކަމަށެވެ.
"ޒީރޯ ޑިގްރީ އެޓޯލްގެ ލަވަތަކަކީ އަބަދަށް ފެހި ލަވަތަކެއް. ބޭނުން ވަނީ އަދިވެސް އެކަހަލަ މިއުޒިކް ދިވެހި އާޓިސްޓުންގެ ފަރާތުން ފެންނަން. ޒީރޯ ޑިގްރީ އެޓޯލްގެ ލަވަތައް ކަމުދާ މީހުންނަށް މި ލަވަ ވަރަށް ކަމުދާނެ" ޝަހުދާން ބުންޏެވެ.
ޝަހުދާން ބުނީ އާންމުންނަށް އެ ލަވަ އެންމެ ފުރަތަމަ އިވިގެންދާނީ ލަވަފޮށިން ކަމަށެވެ. އެ ލަވައިގެ މަސައްކަތް ކުރަމުން އަންނަތާ ފަސް މަސް ވެއްޖެ ކަމަށާއި ލަވައިގެ މަސައްކަތް ލަސްވީ ރިސޯޓު މިއުޒިކްގައި އަވަދިނެތި އުޅޭތީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އަލްބަމްގެ ބާކީ ހުރި ލަވަތައް މިއަހަރުގެ ތެރޭގައި ރިލީޒްކުރަން ކުރެވޭނެ ކަމަށް އޭނާ ލަފާކުރެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ޝަހުދާންގެ ކަބީލާ ލަވަފޮށިން ރިލީޒް ކުރުމަށް ރާވާފައިވާއިރު، ވަރަށް އަވަހަށް ޔޫޓިއުބްއިން އެ ލަވަ ފެނިގެންދާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ދީފަ އެވެ.
ޝަހުދާންއަކީ މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަންގައި ބެލުންތެރިންގެ ތަރުހީބު އެންމެ ބޮޑަށް ލިބުނު އެއް ބައިވެރިޔާ އެވެ. އޭނާ ހިމެނިފައިވަނީ އެ މުބާރާތުގެ ގަދަ ހައެއްގެ ތެރޭގަ އެވެ.
އައިޑަލް ނިންމުމަށްފަހު ޝަހުދާން ވަނީ ޑުއެޓް އެތައް ލަވައެއް ކިޔާފަ އެވެ. އެގޮތުން ފުޓުބޯޅަ ލަވަތަކާއި އީދަށް ޚާއްސަ ލަވަތަކުގެ އިތުރުން އޭނާ އުފަން އައްޑޫ ސިޓީގެ ނޭޗާ ލަވަ ވެސް ކިޔާފައިވަނީ ޝަހުދާން ރީތި އަޑުންނެވެ.
އައިޑަލްގެ ފަހުން މާލޭގެ ގިގްތަކުން ފެންނަމުން އައި ޝަހުދާން މިހާރު ވިދަމުން އަންނަނީ ރިސޯޓް މިއުޒިކް އާޓިސްޓެއްގެ ގޮތުގަ އެވެ.