ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ލ. އަތޮޅުގައި ކުރާ މީހެއްކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި ލ. ގަން މަތިމަރަދޫ، މަންދަގޭ ހަސަން ޔޫސުފް (އަޗަން) ގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ހަސަން ޔޫސުފް މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އޯގަސްޓް 25، 2010 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ހައްޔަރުކުރުމަށް ފުލުހުން ޚާއްސަ އޮޕޮރޭޝަނެއް ހިންގިކަމަށެވެ. އޭނާ ހައްޔަރުކުރުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ފުލުހުން ފެނުމުން ދުއްވައިގަނެ ކަނާއަތުގެ މުށުތެރޭގައި އޮތް ސިނގިރެޓް ފޮއްޓެއް ލ. ގަން، ތުނޑި މަންޒަރުގޭގެ ގޯތިތެރެއަށް އެއްލާލިކަމަށާއި އެވަގުތު ފުލުހުން އެ ސިނގިރެޓް ފޮށި ނަގައި ބެލިއިރު އޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް އޮތްކަން ހެކީންގެ ހެކިބަހުން އެނގެން އޮތްކަމަށެވެ.

އަދި އެ ދެ ރަބަރު ޕެކެޓްގައި ހުރި ތަކެތި ލެބޯޓަރީގައި ތަހުލީލް ކުރި އިރު އޭގާއި 2.5391 ގްރާމް ހެރޮއިން އާއި، 0.0640 ގްރާމް ޑައެޒެޕަމް ހުރިކަން ތަހުލީލު ރިޕޯޓުން އެނގެން އޮތްކަމަށެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި، ހަމަ އެގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގެދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ އުގޫބާތެއްގެގޮތުން ހަމަ އެގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާގެ (ބ) ގެދަށުން ފަސް އަހަރު ދުވަހުގެ މުއްދަތައް ޖަލައްލުމަށާއި އަދި މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓިކަމުގެ އުގޫބާތެއްގެގޮތުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން އުމުރަށް ޖަލަށްލުމަށް ލުމަށެވެ.