13 Oct 2019, 22:16
ތެހެރާން (އޮކްޓޯބަރު 13): ސައޫދީ އަރަބިޔާއާއި އީރާނަކީ އިސްލާމީ ދުނިޔޭގެ މުހިއްމު ދެ ބާރުކަމަށާ އެދެގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން ނައްތާލަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެއެވެ.
އީރާނާއި ސައޫދީ އަށް ކުރައްވާ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެން އެގައުމުގެ ރައީސް ހަސަން ރޫހާނީ އާ ބައްދަލުކުރެއްވުމަށްފަހު އިމްރާންޚާން ވިދާޅުވީ އެ ދެގައުމު ސުލްހަ ވުމަށް އެދެގައުމުގެ ލީޑަރުންގެ ބޭނުންވާ ކަމަށާ ނަމަވެސް އޭނާ އެމަސައްކަތް ފެއްޓެވީ އަމިއްލައަށް އިސް ނަންގަވައިގެން ކަމުގައެވެ. އިމްރާންޚާން ވިދާޅުވީ އޭނާ އަދާކުރައްވަނީ މެދުވެރިއެއްގެ ބައި ނޫންކަމަށްވިޔަސް އޭނާގެ މަސައްކަތުން އީރާނާއި ސައޫދީ ސުލްޙަ ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމުގައެވެ. އަދި އޭނާގެ މަސައްކަތުން އީރާނާއި ސައޫދީގެ ލީޑަރުންގެ ބައްދަލުވުމަކަށް މަގުފަހިވުމަކީ އެގައުމުގެ ގުޅުންތައް އަލުން އިއާދަވުމުގެ މަގު ހުޅުވިގެންދާނެކަމެއްކަމަށާ ޔަމަންގެ ހަނގުރާމަ ހުއްޓުވުމަކީވެސް ޕާކިސްތާން ބޭނުންވާ ކަމެއްކަމަށް އިމާރްން ޚާން ވިދާޅުވިއެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ދާދިފަހުންވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން މެދުވެރިކޮށް ސައޫދީން އީރާނަށް ސުލްޙައިގެ ސިޓީތަކެއް ފޮނުވައިފިކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. އަދި އިމްރާންޚާނާއި އިރާގުގެ ބޮޑުވަޒީރު އާދިލްއަބްދުލްމަހްދީ ވަނީ އީރާނާ ސުލްޙަވާން ބޭނުންވާކަން ސައޫދީ މަސްއޫލުވެރިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފައެވެ. އިމްރާންޚާން މިއަދު ތެހެރާނަށް ވަޑައިގެންފައިވާއިރު އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ސައޫދީ އާ ރަނގަނޅު ގުޅުންތަކެއް ގާއިމް ކުރުމަށް އީރާން އެދޭކަމަށް ވިދާޅުވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން މާދަމާ އިމްރާންޚާން ސައޫދީ އަށް ވަޑައިގެން ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވާނެއެވެ. އިމްރާންޚާން އީރާނަށާއި ސައޫދީ އަށް ވަޑައިގަތުމުގެ ކުރިން ޕާކިސްތާނުގެ ސިއްރު ވަފްދެއް އެދެގައުމަށް ގޮސް އެދެގައުމުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެރިޕޯޓްތައް ޕާކިސްތާނުން ދޮގުކޮށްފައެއް ނުވެއެވެ.
އީރާނާ ސުލްހަ ވުމާބެހޭގޮތުން ސައޫދީ ވާހަކަ ދައްކަން ފަށާފައިވަނީ މިދިޔަމަހު ޔަމަންގެ ހޫޘީން ސައޫދީ ތެލުގެ މަރުކަޒުތަަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނަށް އަސްކަރީ ގޮތުން ރައްދު ދިނުމަށް އެމެރިކާ ފަސްޖެހުމުންނެވެ. އެ ހަމަލާތަކަށްފަހު ސައޫދީ މަސްއޫލުވެރިން ވަނީ އީރާނާ ހަނގުރާމަ ކުރުމަކީ ގަލްފުގެ ތެލުގެ މަރުކަޒުތައް ހަލާކުވާނެކަމެއްކަމަށް ވިދާޅުވެ އެކަން ކުރެވެން ނޯންނާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)