ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ހިތަދޫގައި ސަރުކާރުން އެޅި 264 ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހިތަދޫގައި އެޅި 264 ފްލެޓާއި ހުޅުދޫގައި އެޅި 48 ފްލެޓު ލިބުނު މީހުންގެ ލިސްޓު އައްޑޫ ސިޓީ ކައުންސިލުން އާންމު ކުރީ މިދިޔަ ސެޕްޓޭމްބަރު 30 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ހިތަދޫގެ 264 ފްލެޓް ލިބުނު ފަަރާތްތަކާ އެކު އެގްރީމަންޓްގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ފެށިފައިވާ ކަމަށެވެ.

ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ހިތަދޫ ރައްޔިތުންނަށެވެ. މަރަދޫ އާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް ހާއްސަކޮށްފައި ވާއިރު، 50 ފްލެޓް ހާއްސަކޮށްފައި ވަނީ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.

އައްޑޫގައި އެ ފްލެޓުތައް އެޅީ ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެންނެވެ. އެ ފްލެޓްތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާ ކަމަށާއި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.