ރާއްޖޭގެ ކުންފުނިތަކަކަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ހުރި ޗައިނާ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ ރޭ ފުރުވާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޗައިނާގެ ގްލޯބަލް ބްރިޖު ޓްރެވަލްސްގެ ޒޭންގް ޔަންގްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައުލޫމާތު ސިވިލް ކޯޓަށް ފޮނުވުމަށް ކޯޓުން އިއްޔެ އިމިގްރޭޝަން ޑިޕާޓްމަންޓަށް، އީ ގަވަމެންޓް ނެޓްވޯކް މެދުވެރިކޮށް އެންގީ އިއްޔެ މެންދުރު ފަހު 14:20ގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ނަމަވެސް އެ މައުލޫމާތު އިމިގްރޭޝަންގެ ކަމާ ބެހޭ ފަރާތަށް ފޯރުކޮށް ނުދެވިކޮށް އުޅެނިކޮށް ރޭ ދަންވަން ގާތްވެފައި ވަނިކޮށް ހޮންކޮންގަށް އޭނާ ފުރީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، "އެތެރޭގެ ކުޅުމެއްގެ" ތެރެއިން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ އެހެން ނޫން ނަމަ އިއްޔެ 14:20ގައި ކޯޓުންކޮށްފައިވާ އަމުރަށް އަމަލުނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިންސާނީ ވަސީލަތް ދަށްވެ، އެކަމަށް މަގުފަހިވުމުގައި "ކެޕޭސިޓީ ނެތުން" ވެސް މުހިންމު ދައުރެއް ކުޅޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކެޕޭސިޓީ އުފެއްދުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ކެޕޭސިޓީ އުފެއްދުމަށް، މިހާރު 185 މީހުން މަސައްކަތް ކުރާ ޑިޕާޓްމަންޓަށް، އިތުރު 145 މުވައްޒަފުން ހޯއްދެވުމުގެ މަޝްރޫއުއެއް ފައްޓަވާފައިވާ ކަމަށެވެ.

ޔަންގް ދޫކޮށްލި އިރު، އޭނާގެ މައްޗަށް އެހެން ކުންފުންޏަކުން ކްރިމިނަލް ކޯޓްގައި އުފުލި ދައުވާ އަކާ ގުޅިގެން، އެ ކުންފުނީގެ ފައިސާ އޭނާ ދެއްކުމުން، އެ ކުންފުނިން ފުލުސް އޮފީސް މެދުވެރިކޮށް އުފުލި ދައުވާ ދޫކޮށްލި ކަމަށް، ފުލުސް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގެ ކޮޕީ ވެސް އިމިގްރޭޝަނަށް ފުލުހުން އޮތީ ފޮނުވައިފަ އެވެ.
ޔަންގް ހިފެހެއްޓުމަށް ކޯޓް އަމުރަކަށް އެދުނު، އައިރިޝް އިންޓަނޭޝަނަލްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަޒުމީ މިއަދު ވިދާޅުވީ ޔަންގް ދޫކޮށްލުމުގައި އިމިގްރޭޝަންގެ "އަތެއް" ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އޭނާ ދޫކޮށްލީ ގަސްތުގައި ކަން " 100 ޕަސެންޓް ކަށަވަރު" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔަންގް ހިފެހެއްޓުމަށް ކޯޓް އަމުރަކަށް އެދެން ޖެހުނީ އެ ކުންފުންޏަށް ދައްކަން ޖެހޭ 300000 އަށް ވުރެ ގިނަ ޑޮލަރު ނުދައްކައި ހުރުމުން ކަމަށާއި އެ މައްސަލަ ދޫނުކުރައްވާނެ ކަމަށާއި އިމިގްރޭޝަނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.

އައިރިޝް ކުންފުނިން ބުނީ، ޔަންގް ރޭ ފުރާކަން އެނގިގެން އެ ކުންފުނީގެ ލޯޔަރު އިމިގްރޭޝަނުގެ އޮފިޝަލެއް އަރިހު އެ ވާހަކަ ދެންނެވުމުން، ސިވިލް ކޯޓަށް ވުރެ ކްރިމިނަލް ކޯޓް ބާރުގަދަވާނެ ކަމަށް އޭނާ ލޯޔަރު އަރިހު ވިދާޅުވި ކަމަށެވެ.