ރާއްޖޭގައި ހުއިފިލަނޑާ ބޮޑުކުރުމަށް ދިމާވި މައްސަލަ ހައްލުކޮށް އެތަކެތި ބޮޑުކުރަން މިހާރު އާ ގޮތްތަކެއް ރޭވިފައިވާ ކަަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މެރިކަލްޗަރަލް އެންޓަޕްރައިސް ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމަށް މާގިރި ހޮޓެލްގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ޒަހާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތަކަށްވީ ހުއިފިލަނޑާ ބޮޑުކޮށްގެން ރައްޔިތުންނަށް އާމްދަނީ ހޯދައިދިނުން ކަމަށެވެ.

ހުއފިލަނޑާ އާލާކުރުމަކީ ރާއްޖޭގައި ކަނޑުގެ ދިރުން އާލާކުުރުމުގެ ދާއިރާއިން ގިނަ ބަޔަކަށް އާމްދަނީ ހޯދައިދިނުމަށް ކުރެވނު ފުރަތަމަ މަސައްކަތްކަން ފާހަގަކުރައްވައި ޒަހާ ވިދާޅުވީ ފަންނީ ތަފާތު މައްސަލަތަކާހެދި ކުރިން ރޭވި ގޮތަށް އެ މަސައްކަތުން އާމްދަނީ ލިބޭނެގޮތް ނުވި ކަމަށެވެ.

"މި މަސައްކަތުގެ ސަބަބުން ކުރި މަގުގައި މިފަދަ މަސައްކަތްތައް ރޭވުމަށް ބޭނުންވާ ވަރަށް ގިނަ އަމަލީ ތަޖުރިބާތަކެއް ލިބުނު. ދިމާވި ފަންނީ މައްސަލަތައް ހައްލުކުރާނެގޮތް މިހާރު ވަނީ ހޯދިފައި. މަޝްރޫއުން ލިބުނު ތަޖުރިބާތަކުގެ އަލީގައި ހުއިފިލަނޑާ ބޮޑުކުރުމަށް މިހާރު އާ ގޮތްތަކެއް ވަނީ ރޭވިފައި،" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަނޑުގެ ދިރުން އާލާކުުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި އެކަމަށްޓަކައި ސްޓެރެޓެޖިކް އެކްޝަން ޕްލޭންތަކެއް ކަނޑައަޅައި އެކަމަށް ވަކި ޓާގެޓް ޕްލޭންއެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ހުއިފިލަނޑާ ބޮޑުކުުރުމުގެ މަސައްކަތުގެ އިތުރުން ފާނަ ބޮޑުކުުރުމުގެ މަސައްކަތް މިހާރު ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.