13 Oct 2019, 16:33
ދިއްލީ (އޮކްޓޯބަރު 13): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅި އާއްމު ހާލަތަށް ރުޖޫއަވާން ހަތަރު މަހަށް ވުރެ ގިނަ ދުވަސް ނުނަގާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް މިދިޔަ އޮގަސްޓު މަހު އުވާލުމަށް ފަހު، އެގައުމުން ވަނީ ކަޝްމީރަކީ އަމިއްލަ ވެރިކަމެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި ދިއްލީގެ މައި ސަރުކާރުން ބާރު ހިންގާ ދެ ފެޑެރަލް ޓެރިޓަރީއަށް ހަދަން ނިންމާފަ އެވެ. އަދި ކަޝްމީރަށް އިތުރު ސިފައިން ފޮނުވާ، ކާފިއު ހިންގާ، އެއްވުންތައް ބޭއްވުން މަނާކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލާފަ އެވެ.
މޯދީ ވިދާޅުވި ގޮތުގައި އެފިޔަވަޅުތައް އެޅީ ޖައްމޫ އެންޑް ކަޝްމީރުގެ ރައްކާތެރިކަމަށްޓަކަ އެވެ.
އަދި މިދިޔަ މަހު އެސަރަހައްދުގައި ލޭންޑްލައިން ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ކަމަށް އިންޑިއާއިން ބުނި ނަމަވެސް ކަޝްމީރުގެ ގިނަ މީހުންނަށް އަދިވެސް މޮބައިލް ފޯނާއި އިންޓަނެޓު ބޭނުން ނުކުރެވެ އެވެ.
"ކަޝްމީރުގައި 40 އަހަރުވަންދެން އޮތް އާދަޔާ ހިލާފު ހާލަތު ބަދަލުވެ، އާއްމު ހާލަތަށް ރުޖޫއަ ވުމަށް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ނުނަގާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" މަހާރަޝްތުރާގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވި އެވެ.
އަދި އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ވަނީ ކަޝްމީރުގައި މޮބައިލް ފޯނު ބޭނުން ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލީ ކަޝްމީރު ފުރިހަމައަށް އިންޑިއާއާ ގުޅުވާލުމަށާއި އެސަރަހައްދަށް ބޭނުންވާ ތަރައްގީ ގެނައުމަށެވެ.
އިންޑިއާއިން އެފިޔަވަޅުތައް އެޅި ނަމަވެސް ކަޝްމީރުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާތައް ބާއްވަ އެވެ. އަދި އިންޑިއާގެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އެސަރަހައްދުގެ ގިނަ ފިހާރަތަކާއި ވިޔަފާރިތައް ހުންނަނީ ބަންދުކޮށްފަ އެވެ.