ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ވަކި މިންވަރަކަށް ގަޑިޖެހިއްޖެ ނަމަ ނުވަތަ ކޯޓަށް ހާޒިރުނުވުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ އުސޫލު މިއަދު ގެޒެޓުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި އުސޫލުގައި ފަނޑިޔާރުންގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އެވެ. އެއަށް ވުރެ އެންމެ މިނެޓެއް ލަހުން ހާޒިރުވި ނަމަވެސް، ފަނޑިޔާރުން ގަޑި ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އެއް މަސް ދުވަހުގެ ތެރޭގައި 15 ދުވަހު ގަޑި ޖެހިއްޖެ ނަމަ ނުވަތަ ތިން ދުވަހު ހާޒިރުނުވެއްޖެ ނަމަ އެއީ އެ ފަނޑިޔާރެއްގެ އަހްލާގީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލައެއް ކަމަށް އުސޫލުގައިވެ އެވެ.

އަހަރެއްގެ ތެރޭގައި 180 ދުވަހު ގަޑިޖެހިއްޖެ ނަމަ، ނުވަތަ 36 ދުވަހަށް ވުރެ ގިނަ ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭއެސްސީއަށް ފޮނުވުން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.

ނަމަވެސް އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ ކަނޑުގަދަވުން ފަދަ މަގުބޫލު އުޒުރެއްގެ ސަބަބުން ގަޑިއަށް ހާޒިރުނުވެވުމަކީ ގަޑިޖެހުން ކަމުގައި ނުބެލެވޭނެ އެވެ.

އެފަދަ ހާލަތެއްގައި އެ ފަނޑިޔާރު ކޯޓަށް ހާޒިރުވާން ޖެހޭ ގަޑި ކަނޑައަޅާނީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރެވެ.

ކޯޓަށް ހާޒިރުވާން ޖެހޭ ގަޑީގެ 30 މިނެޓު ކުރިން ވާރޭވެހިގެން ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވެއްގެން ކޯޓަށް ހާޒިރުނުވެވޭ ނަމަ، އެދުވަހަކު ގަޑި ނުޖެހޭނެ އެވެ.

އެފަދަ ދުވަހެއްގައި ގަޑިޖެހޭނެ ގަޑި ކަނޑައަޅާނީ މޫސުމާ ބެހޭ އިދާރާގެ ރިޕޯޓެއް ހޯދުމަށްފަހު އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރެވެ.

ފަނޑިޔާރުންނަށް ވެސް ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ގޮތުގައި ލިބޭނީ 30 ދުވަހެވެ. ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމް ބުނާނަމަ އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ އެވެ.

ފަނޑިޔާރަކު ކޯޓަށް ހާޒިރުނުވި ކަމުގައި ވިޔަސް، އެ ފަނޑިޔާރެއްގެ މުސާރައަކުން ނުކެނޑޭނެ އެވެ. ނަމަވެސް އެ ފަނޑިޔާރެއްގެ ޕާފޯމަންސް އެޕްރައިޒަލް ބެލުމުގައި އެ ރެކޯޑަކީ ބެލޭނެ އެއްޗެއް ކަމަށް އުސޫލުގައިވެ އެވެ.

ކޮންމެ ފަނޑިޔާރަކަށް ވެސް މަގާމާ ހަވާލުވިތާ އަހަރެއް ވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އެ ޗުއްޓީ ނުނަގާ ދޫކޮށްލައިފި ނަމަ، ޗުއްޓީ ކެންސަލް ވާނެ އެވެ.

ހައްޖާއި އުމްރާގެ ޗުއްޓީގެ ގޮތުގައި، ފަނޑިޔާރެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި އެއް ފަހަރު، 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

ސިއްހީ ސަބަބަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް އެއް އަހަރަށް ވުރެ ދިގު ނޫން ޗުއްޓީއެއް ދެވިދާނެ އެވެ.

އެ މުއްދަތު އިތުރު ކުރަން އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތުން އެއް އަހަރު އިތުރު ކޮށްދެވިދާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

މިއަދު ގެޒެޓް ކުރި އުސޫލުގައި ކޮންމެ ކޯޓަކުން ވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީ އާއި ސަލާމާއި ޗުއްޓީގެ ތަފްސީލް ހިމެނޭ ރިޕޯޓު ކޮންމެ މަހަކު އެއް ފަހަރު ޑީޖޭއޭ އަށް ފޮނުވަން ވަނީ ލާޒިމުކޮށްފަ އެވެ.

ފަނޑިޔާރުން ޗުއްޓީއަށް އެދި ހުށަހަޅަން ޖެހޭނީ، އެ ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓަކަށެވެ. ނަމަވެސް ދިގު މުއްދަތުގެ ޗުއްޓީއެއް ނަމަ، ހުށަހަޅަން ޖެހޭނީ ޑީޖޭއޭ އަށެވެ.

މި އުސޫލަށް އަމަލުކުރަން ފަށާނީ ގެޒެޓް ކުރިތާ ހަތް ދުވަސް ފަހުންނެވެ. އަދި އުސޫލަށް އަމަލުކުރަން ފެށުމާއެކު ފަނޑިޔާރުންގެ ސަލާމާއި ޗުއްޓީއާ ގުޅޭގޮތުން މީގެ ކުރިން އަމަލު ކުރަމުން ދިޔަ އެންމެހައި އުސޫލުތައް އުވޭނެ އެވެ.