13 Oct 2019, 15:28
ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު އަންހެނަކާއި އެކަމުގައި އޭނާއަށް އެހީތެރިވި ފިރިހެނަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކާއި އޭނާއަށް އެކަމުގައި އެހީތެރިވި ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާ ކަމަށެވެ.
އެމީހުންނަކީ ކޮން ގައުމެއްގެ ބަޔެއްކަމަށް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިންވެސް ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.
ޝަހުސު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިން އުޅެމުންދާއިރު ވިސާ އާއި ހިލާފުވި ބިދޭސިންތަކެއް ވެސް މިފަހުން ވަނީ ޑީޕޯޓުކޮށްފަ އެވެ.
ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން 50،000 އަށް ވުރެ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.