އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިން، ސ. ހިތަދޫ/އުލްފާ މަންޒިލް، މުހައްމަދު ނަސީމް ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ނަސީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ދައުވާގައިވާ ކަންކަމަށް އޭނާ އިންކާރު ކުރި ނަމަވެސް، މައްސަލައިގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުންނާއި، ހެކިތައް ގުޅުވައިދޭ ގަރީނާތަކުން ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ 2014 ވަނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ތެރޭގައި ހުރި ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރޭގައި އިތުރުބަޔަކާ އެކު އޭނާ އިންނަވަނިކޮށެވެ.

މައްސަލައިގައި ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ރެސްޓޯރަންޓުގައި އަލްހާން އިންވަނިކޮށް، ނަސީމް އެތަނަށް ގޮސް، ދިގުމިނުގައި ގާތްގަނޑަކަށް ހަތް އިންޗި ހުންނަ ވަރުގެ ވަޅިއަކުން އަލްހާނަށް ހަމަލާދީފައިވާ ކަމަށެވެ.

މައްސަލައިގައި ކްރިމިން ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ނަސީމް މީހެއްގެ ހަށިގަނޑަށް ގެއްލުން ދީފައިވާތީ އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. އަދި އެ ކުށް ކުރުމުގައި އޭނާ ތޫނު އެއްޗެއް ބޭނުންކޮށްފައިވާތީ އިތުރު ދެ އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.