ވަޒީފާ އަދާކުރާ މީހުންގެ ޕެންޝަން ފަންޑު، ރިޓަޔާމަންޓް ޕެންޝަން ސްކީމަށް ލިބިފައިހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާއަށް ދިރާގުގެ ހިއްސާ ގަންނަން ޕެންޝަން އޮފީހުން ނިންމައިފި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު މިއަދު ވިދާޅުވީ ޕެންޝަން ފަންޑުގައި މިހާރު ހުރި 750 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 100 މިލިޔަން ރުފިޔާއިން ދިރާގުގެ ހިއްސާ ގަންނަން ނިންމީ ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް ޕްރިންސިޕަލަށް ގެނައި ބަދަލުތަކާއެކު ކަމަށެވެ. އަދި ވިދާޅުވީ ބޯޑުން އެގޮތަށް ނިންމެވީ ދިރާގަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފައިދާއެއް ހޯދޭނެ އިތުބާރު ހިފޭ ކުންފުންޏަކަށް ވާތީ ކަމަށެވެ.

"އަމާނާ ތަކަފުލް ވެސް އެބައޮތް، އެކަމަކު އަޅުގަނޑުމެން ދިރާގުން މި ގަންނަނީ އެއީ އިތުބާރު ކުރެވޭ ދެމެހެއްޓެނިވި ވިޔަފާރިއެއް އެކުންފުނިން ކުރާތީ. ވަރަށް ރަނގަޅު ސިފަތަކެއް ދިރާގުގައި އެބަހުރި. އިތުބާރު ނުގެއްލި އިންވެސްޓްމަންޓް ނުގެއްލި މިކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭތީ،" މަނިކު ވިދާޅުވި އެވެ.

ޓީ ބިލްސް ނުވަތަ ސަރުކާރަށް ދަރަނި ދީގެންނާއި އަދި ފިކްސްޑް ޑިޕޮޒިޓަށް އިންވެސްޓްކޮށްގެން މަހަކު 50 ހަކަށް މިލިއަން ރުފިޔާ މިހާރު ވެސް ވަންނަ އެ ފަންޑުން ދިރާގަށް 100 މިލިއަން އިންވެސްޓްކުރާއިރު، މަނިކު ވިދާޅުވީ އެ އިންވެސްޓްމަންޓުން އަށް ޕަސެންޓާއި 11 ޕަސެންޓާއި ދެމެދުގެ ފައިދާއެއް ޕެންޝަ އޮފީހަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ފީސިބިލިޓީ އާއި އެއްޗިހި ހެދިއިރު އަދި ޕްރޮސްޕެކްޓަސްއަށް ބަލާފައި އަދި ޕާސްޓް ޕާފޯމެންސްއިން ވެސް އެބަދައްކާ ދިރާގަކީ ރަނގަޅު ފައިދާއެއް ހޯދޭނެ ބައެއްކަން. އެގޮތުން އެބަ ލަފާކުރަން އަށެއް ނޫނީ 11 ޕަސެންޓް ފައިދާ ނެގޭނެ ކަމަށް،" މަނިކު ވިދާޅުވި އެވެ.

އިންވެސްޓްމަންޓުން އަހަރަކު ލިބޭ ފައިދާގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުންނަށް ބަހާއިރު ފައިދާގެ އެއްޕަސެންޓް ބޭނުންކުރާނީ ޕެންޝަން އޮފީހުގެ އިދާރީ އެކި އެކި ކަންތައްތައް ކުރުމަށެވެ.

ޕެންޝަން އޮފީހުގެ އިދާރީ ކަންކަމަށް މިހާރު ހަރަދުކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.

"އަޅުގަނޑުމެންގެ ފަންޑުގައި ފައިސާ މަދުވީމާ ފިނޭންސުން އިދާރީ ކަންކަމަށް ބަޖެޓު މިދެނީ. އަޅުގަނޑުމެން މިބަލަނީ 2015 ނޫނީ 2016 ގައި ބްރޭކް އީވަންއަކަށް އާދެވޭނެ ކަމަށް. އެ ހިސާބުން އިންވެސްޓްކޮށްގެން މިލިބޭ ފައިދާގެ ތެރެއިން އަހަރަކު އެއް ޕަސެންޓް މި އޮފީހުގެ އިދާރީ ކަންކަމަށް ބޭނުންކުރަން ނަގާނީ،" މަނިކު ވިދާޅުވި އެވެ.

ދިރާގުގައި ހިއްސާ ގަންނައިރު އެ އޮފީހުން މިހާރު ނިންމާފައިވަނީ ސަރުކާރުގެ ދިގު މުއްދަތުގެ ބޮންޑަށް ވެސް އިންވެސްޓްކުރުމަށެވެ.

މަނިކު ވިދާޅުވީ އިތުރު އެހެން ކަންތައްތަކަކަށް އިންވެސްޓްކުރުމަށް އަދި ވިސްނާފައިނުވާ ކަމަށެވެ.

ކޮންމެ މުވައްޒިފެއްގެ މުސާރައިން ހަތް ޕަސެންޓް އަދި ވަޒީފާދޭ ފަރާތުން ވެސް އެ އަދަދު ކޮންމެ މަހަކު ޕެންޝަން ފަންޓަށް ޖަމާކުރަންޖެހެ އެވެ. އެ ފައިސާ ލިބޭނީ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.