16 Nov 2011, 17:02
އެއް އަހަރު ދުވަހަށް ދެމިގެންދާގޮތަށް ސާކްގެ ތަރައްގީއަށް އަމާޒު ކުރާ 13 ހަރަކާތެއް ރާއްޖޭގައި ހިންގަން ސަރުކާރުން ނިންމައި އެކަންކަން އިއުލާން ކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ނަސީރު މިއަދު ވިދާޅުވީ މިއަދު އިއުލާން ކުރި އަހަރު ދުވަހަށް ދެމިގެންދާ ހަރަކާތްތައް އަންނަ މަހު ފަށާނެ ކަމަށާއި ސާކްގެ އެހެން ގައުމުތަކާ ވާހަކަ ދެކެވި އެ ގައުމުތަކުން ވެސް އެކަންކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ ޕްރޮގްރާމްތަކަށް ހިންގަން މެންބަރު އަނެއް ހަތް ގައުމުން އެހީ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ ސާކްން ރާއްޖެއަށް ހޯދޭނެ ފައިދާތައް ލިބިފައި ނުވަނީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާތީ ކަމަށާއި 17 ވަނަ ސަމިޓަށް ބޮޑު ހޭދައެއް ކުރުމަށް ފަހު ރާއްޖޭން އަތް އުރާލައިގެން ނުތިބޭނެ ކަމަށެވެ.
އެއް އަހަރަށް ރާއްޖޭގައި ހިންގާ ސާކް ހަރަކާތްތައް ޑިސެމްބަރުގެ އަށް ވަނަ ދުވަހު ފަށާނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވާ ހާއްސަ މެސެޖަކާއި ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ފަށާ ދަރިވަރުން ސާކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމަކުންނެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ސާކްގެ އިގުތިސާދީ ގުޅުމާ ބެހޭ 15 ވަނަ ބައްދަލުވުން ބާއްވާއިރު ފެބްރުއަރީގައި މެރިޓައިމް ޕޮލިސީއާ ބެހޭ ބައްދަލުވުމެއް ވެސް އޮންނާނެ އެވެ. އަދި މާޗް މަހު ހެލްތު މިނިސްޓަރުންގެ ހަތަރު ވަނަ ބައްދަލުވުން ބާއްވައި އޭޕްރީލް މަހުގައި ޔޫތު ސަމިޓް ބާއްވާނެ އެވެ. ނަސީރު އަދި ވިދާޅުވީ މޭ މަހުގެ ތެރޭގައި ސާކްގެ އަންހެނުންނާ ބެހޭ މިނިސްޓީރިއަލް މީޓިން އެއް ވެސް ބާއްވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖޫން ޖުލައިގައި ސާކްގެ "މިޑް ސަމިޓް" ބާއްވައި އޮގަސްޓް މަހު ސާކްގެ ހޯމް އަދި އިންޓީރިއަ މިނިސްޓަރުންގެ ބައްދަލުވުމާއި އިމިގްރޭޝަން އޮތޯރިޓީސް އާ ބެހޭ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ސެޕްޓެމްބަރަށް ރާވާފައި ވަނީ ދެވަނަ ދެކުނު އޭޝިޔާ ފޯރަމެވެ. އޮކްޓޯބަރު މަހު ސާކް ކޮންފަރެންސް އޮން މީޑިޔާގެ ނަމުގައި ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުން ބާއްވަނީ ހދ. ކުޅުދުއްފުށީގައެވެ. އަދި ނޮވެމްބަރު މަހު ބާއްވާނީ ސާކް ޓޫރިޒަމް އެންޑް ޓްރެވެލް ފެއާ އެވެ.