13 Oct 2019, 11:41
ރޭ ފަތިހު ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށް ވަންނަން މަސައްކަތް ކުރި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސޮނީ ސްޕޯޓްސް ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ބަޔަކު ވައްކަން ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނޫ ރޭ ފަތިހު 4:00 އެހާކަށް ހާއިރު ކަމަށެވެ.
މައުލޫމާތު ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެސަރަހައްދަށް ގޮސް، ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭ ގްރައުންޑު ފްލޯ އިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ޒުވާނަކާއި 18 އަހަރު ނުވާ ކުޑަ ކުއްޖެކެވެ.
ފުލުހުން ބުނީ އެތަނުން އެކަކު ހުރީ ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވުމަށްޓަކައި ހެލްމެޓް އަޅައިގެން ކަމަށާއި، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެތަނުން އެކަކު ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ ދެމީހުންނަށް ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނެގިފައި ނުވާއިރު ދޮރު ހަލާކުކޮށްލުމަށް ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އާލާތްތަކެއް ވަނީ ފެނިފަ އެވެ.
އޭގެ އިތުރުން އެ ދެމީހުން ދުއްވި ސައިކަލު ޗެކް ކުރި އިރު، ސައިކަލުގެ ނަން ބޯޑުތަކުގައި ޓޭޕް އަޅާ ފޮރުވާފައި ހުރުމުން ސައިކަލު ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ސައިކަލެއް ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލު މިހާރު ވަނީ ޓޯކޮށްފަ އެވެ.
ފުލުހުން ބުނީ މިހާރު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.