ޕްރެޒެންޓަރުގެ ގޮތުގައި މަޝްހޫރުވި މޫސާ ވަސީމް ޑާކްރެއިންގެ ފިލްމަކުން ފެންނަން އުޅޭކަމުގެ އިޝާރާތެއްކޮށްފި އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން އާންމުކުރި ފޮޓޯއަކާއި ގުޅިގެން މޫސާ ވަސީމް ޑާކްރެއިންގެ ފިލްމަކުން ފެންނާނެކަމަށް ވަރަށް ބޮޑަށް ހީކުރެވެ އެވެ. އެކަމަކު ފެންނާނީ ކޮން ފިލްމަކުން ކަމެއް ޔަގީނެއް ނޫނެވެ.

މޯލްޑިވިއަން އައިޑަލްގައި ވެސް ސަސްޕެންސް ހިފެހެއްޓުމަށް ނަން މަޝްހޫރު މޫސަ ކުޅޭނީ ކޮން ފިލްމެއްތޯ ބަލަންޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާށެވެ.

ޑާކްރެއިން އިން އާންމުކުރި ފޮޓޯގައި މޫސަ ހުރީ ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އާއި ޑާކްރެއިންގެ ސްކްރީން ރައިޓަރު އައިޝަތު ފުއާދު ތައުފީގާ އެކުގަ އެވެ.

ޕްރެޒަންޓަރު މޫސަ ފެންނާނީ ކޮން ފިލްމަކުން ކަން ހޯދަން ކުރި މަސައްކަތް ވެސް ދިޔައި ފެނަށެވެ. އެނގޭ އެއްޗަކީ ޑާކްރެއިންގެ ފިލްމަކުން އޭނާ ފެންނާނެކަމެވެ.

މޫސާ އިންސްޓަގްރާމް ސްޓޯރީއަށް ވެސް ވަނީ ޑާކްރެއިންގެ މެންބަރުންނާއެއްކޮށް ނަގާފައިވާ ފޮޓޯއެއް ލާފަ އެވެ. އަދި އެ ފޮޓޯ ކެޕްޝަން ކުރީ، "ކަމިން ސޫން" ޖަހާފަ އެވެ.

ޑާކްރެއިން މިހާރު ޝޫޓްކުރަމުންދަނީ "ނޮވެމްބަރު" ކިޔާ ފިލްމެކެވެ. އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ. ފިލްމުގައި ގިނަ އަދަދެއްގެ އާ ތަރިން ފެނިގެންދާނެ ކަމަށް މޮގާ ބުންޏެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ މަންޒަރުތައް ނަގާނީ މާލެއާއި އަތޮޅުތެރޭގެ އިތުރުން ސިންގަޕޫރުގަ އެވެ.