ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު އަރުވާލަން ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކޮށް އޮތީ ހައިކޯޓުގެ ރިޕޯޓް ލިބުން ލަސްވެގެން ކަމަށް ހަމީދުގެ ވަކީލު ސުޕްރީމް ކޯޓުގައި ވިދާޅުވުމުން ހައިކޯޓުން އެކަން ދޮގުކޮށްފި އެވެ.

ހަމީދު މެންބަރުކަމުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަމީދު ދޮޅު އަހަރަށް އަރުވާލަން ދަށުކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރެވި އޮތީ ހައިކޯޓުގެ ރިޕޯޓު ލިބުން ލަސްވެގެން ކަމަށް ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ހައިކޯޓުން މިއަދު ބުނީ މައްސަލައިގެ ރިޕޯޓު ހޯދަން ހަމީދު އެދިވަޑައިގަތީ މިއަދު 12:35 ގައި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރެއްވިތާ 10 މިނެޓްތެރޭ ހުކުމުގެ ޚުލާސާއެއް ހައިކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގައި ހިނގަމުންދާ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ގެ ގޮނޑިއާއި މެދު ގޮތެއް ކަނޑައެޅުމުގެ މައްސަލައިގައި މީޑިއާއިން އެބަ ރިޕޯޓުކުރޭ ހަމީދުގެ ފަރާތްޕުޅުން ވަކާލާތުކުރެއްވި ވަކީލަކު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިކަމަށް ހައިކޯޓުން މައްސަލަ ނިމުނުގޮތުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާތީކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ނުކުރެވި ވަނީ. ހައިކޯޓުން ދަންނަވަން އޮތީ މިއަދު 12:35 ގައޭ އިސްމާއިލް އަބްދުލް ހަމީދުގެ ފަރާތްޕުޅުން އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ހައިކޯޓަށް ފޯމު ހުށަހަޅާފައިވަނީ،" އަމީން ވިދާޅުވިއެވެ.