12 Oct 2019, 18:56
ތިލަފުށީގައި ކެމިކަލް ގުދަންތައް އަޅަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން 9.5 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ހަފްތާގަ އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "ސަން" އަށް މިރޭ ވިދާޅުވީ ކެމިކަލް ގުދަންތައް ހެދުމަށް ހަވާލުކުރީ 35 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ 34 ކެމިކަލް ގުދަނެއް ހަދަން ހަވާލުކުރި ކަމަށާއި އޭގެ ތެރޭގައި 17 ކުދި ގުދަނާއި 17 ބޮޑެތި ގުދަންތައް ހިމެނޭ ކަމަށެވެ.
އެގޮތުން ކުދި ގުދަންތައް 500 އަކަ މީޓަރަށް ވުރެ ކުޑަވާނެ ކަމަށާއި ބޮޑެތި ގުދަންތައް 1000 އާއި 800 އަކަމީޓަރު ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހުރިހާ ފަރާތްތަކަށް ބޮޑެތި ގުދަންތަކެއް ކުއްޔަކަށް ނުނެގޭނެދޯ. އެހެންވެ ކުދި ގުދަންތައްވެސް ހަދަން ނިންމީ" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު ބެލީ އެފަރާތުން ހުށަހެލި އަގަށާއި ތަޖުރިބާއާއި ބޭންކް ގެރެންޓީއާއި ނިންމަން ޖެހޭ މުއްދަތުގެ އިތުރުން އެ ކުންފުނިން ކޮށްފައިވާ މަސައްކަތަށް ކަަމަށެވެ.