ވޮޝިންޓަން (އޮކްޓޯބަރ 12) : ސައޫދީ ދިފާއުގައި ކަމަށް ބުނެ 300 ސިފައިންނާއި އެކި ވައްތަރުގެ ބަރުހަތިޔާރު ސައޫދީއަށް ފޮނުވުމަށް އެމެރިކާ އިން ނިންމައިފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވީ ސައޫދީއަށް ސިފައިންނާއި ބަރުހަތިޔާރު ފޮނުވުމަށް ނިންމީ ސައޫދީ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދުމުންކަމަށާއި އެ ހުރިހާ ކަމަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ސައޫދީން ދީފައިވާ ކަމުގަ އެވެ. އެމެރިކާ އިން ސައޫދީއަށް ފޮނުވި ބަރުހަތިޔާރުގެ ތެރޭގައި ހަނގުރާމަމަތީ ފައިޓާޖެޓްގެ 12 ޖެޓާއި އެމެރިކާގައި އުފައްދާ ދިފާއީ ނޒާމެއްކަމަށްވާ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ޓާޑް) މަރިކާގެ ވައިގެ ދިފާއީ ނިޒާމަކާއި ޕެޓްރިއޮޓް މަރުކާގެ މިސައިލް ސިސްޓަމްގެ ދެ ބެޓެރި ހިމެނެ އެވެ.

މި ކަމަށް ދޭން ޖެހޭ ހުރިހާ ޚަރަދެއް ދޭނެކަމުގެ ޔަގީންކަން ސައޫދީ ސަރުކާރުން ދީފައިޥާތީ ހަތިޔާރާއި ސިފައިން ސައޫދީ އަށް ފޮނުވުމުގެ ހުއްދަ އިއްޔެ ދެއްވާފައިޥާނެކަމަށް މާކް އެސްޕާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައޫދީގެ ދިފާއަށް ޓަކައި އެމެރިކާ ސިފައިންނާއި ހަތިޔާރު ފޮނުވަނީ އަގު ހަމަޖެހިގެން ކަމަށް ވިދާޅުވެ، ސައޫދީއަށް ދާ އެމެރިކާގެ ސިފައިންނަކީ ކުލީ ސިފައިންގެ ގޮތުގައި އެމެރިކާއަށް އާމްދަނީގެ ލިބޭގޮތަށް ހިންގާ ދިފާއީ މުއާމަލާތެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

ސައޫދީ އިރުމަތީގެ ދެ ސަރަހައްދު ކަމަށްވާ އިބްޤީޤް އާއި ހިޖްރަތު ޚުރައިސް ގައިޥާ ތެލުގެ ކާރުޚާނާތަކަށް މިދިޔަ މަހުދިން ޙަމަލާތަކުގައި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއްލިބި ސައޫދީން ތެޔޮ އުފައްދާމިންވަރު 50 ޕަސެންޓް ދަށަށްގޮސްފައިވާ އިރު އެ ހަމަލާތައް ސައޫދީއަށް ދިފާއު ނުކުރެވުނު މައްސަލާގައި ވަނީ ބޮޑެތި ސުވާލު އުފެދިފަ އެވެ. ޚާއްސަކޮށް ސައޫދީގައި އެމެރިކާއިން ގަނެފައިޥާ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ޒަމާނީ ހަތިޔާރު ހުރިއިރު އަމިއްލަ ނަފްސުގެ ދިފާއުގައި އެހަތިޔާރުތަކުގެ ބޭނުން ނުކުރެވުނު ސަބަބު ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ.

ސައޫދީ ތެލުގެ މަރުކަޒުތަކށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ ސައޫދީން އެޖަމާއަތަކާ ދެކޮޅަށް ހަނގުރާމަކުރާ ޔަމަންގެ ހޫޘީ ޖަމާއަތުންނެވެ. ނަމަވެސް ސައޫދީ އާއި އެމެރިކާގެ މަސްއޫލުވެރިން ވަނީ އެ ހަމަލާތަކުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައިފަ އެވެ. އެހަމަލާތަކަށް ފަހު ސައޫދީ މަސްއޫލުވެރިންވަނީ އެގައުމުގެ ދިފާއުގައި އިތުރުކަންތައްތައް ކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ. ސައޫދީގެ ދިފާއުގައި އީރާނާ ހަނގުރާމަ ނުކުރާނެކަމަށާއި ނަމަވެސް ފައިސާ ދޭގޮތަށް އެމެރިކާގެ ހަތިޔާރާއި ސިފައިން ސައޫދީ އަށް ފޮނުވައި ދެވިދާނެކަމަށް އެދުވަސްވަރު އެމެރިކާ ބުނެފައިވެ އެވެ.

އެމެރިކާ އިން ސައޫދީ ދިފާއުގައި ކަމަށްބުނެ 300 ސިފައިންނާއި އެކިވައްތަރުގެ ބަރުހަތިޔާރު ފޮނުވުމުގެ ނިންމުން ނިންމާފައި މިވަނީ ސައޫދީން އީރާނާ ސުލްހަވާން ބޭނުންޥާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އިރާގުގެ ބޮޑުވަޒީރު އާދިލްއަބްދުލްމަހްދީ ވިދާޅުވެފައި ވަނިކޮށެވެ. މިކަމަށް ޓަކައި އީރާނާއި ސައޫދީ އަށް ކުރައްވާ ދަތުރުފުޅެއް އިމްރާން ޚާން މިއަދު ފައްޓަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސައޫދީ އާއި އީރާނާ ދެމެދު ދުޝްމަންކަން އޮތުމަކީ އީރާނަކީ ބިރެއްގެ ގޮތުގައި ސައޫދީއަށް ދައްކައިގެން ސައޫދީ އަތުން ފައިސާ ހޯދުމަށާއި ސައޫދީ އަށް ހަތިޔާރު ވިއްކަން އެމެރިކާއަށް ލިބޭ ރަނުގެ ފުރްސަތެއްކަމަށް މުހައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)