12 Oct 2019, 15:59
ރާއްޖޭގެ އެންމެ ހައިބަތު ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގެ ސާފުތާހިރުކަން ބަލަހައްޓާ މިސްކިތުގެ މެއިންޓެނަންސް މަސައްކަތްކުރާ މުވައްޒަފުން ކިޔަވަން ފޮނުވުމަށްފަހު އިސްލާމިކް މިނިސްޓްރީގެ އިދާރީ މުވައްޒަފުންނާއި ވެރިން މިސްކިތް ސާފުކުރުމުގެ މަސައްކަތަށް ނިކުމެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ މަސައްކަތު މީހުން ކިޔަވަން ފޮނުވައި ވެރިންނާއި އިދާރީ މުވައްޒަފުން މިއަދު މަސައްކަތު މީހުންގެ ވަޒީފާ އަށް ނިކުތީީ، އެ މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން މަސައްކަތު މީހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގާތީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތު މީހުން ކިޔަވަން ފޮނުވައި ވެރިންނާއި އިދާރީ މުވައްޒަފުން މިއަދު މަސައްކަތު މީހުންގެ ވަޒީފާ އަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެގޮތުން މަސައްކަތު މީހުން ކުރާ މަސައްކަތާ އެހެން ބަޔަކު ހަވާލުވެގެން ނޫނީ އެމީހުންނަށް އެ ވޯކްޝޮޮޕުގައި ބައިވެރިނުވެވޭނެތީ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން މަސައްކަތު މީހުންގެ ވަޒީފާ އާއި މިއަދު ހަވާލުވީ ކަމަށް އިސްލާމިކް އެފެއާޒުން ބުންޏެވެ.
އެގޮތުން 24 ގަޑިއިރު ވަންދެން ޑިއުޓީ ބަހައިގެން ފޮޅާ ސާފުކޮށް މިނިސްޓްރީ އާއި އިސްލާމީ މަރުކަޒުުގެ ޑިއުޓީ ބަލަހައްޓާނީވެސް ވެރިންނާއި އިދާރީ މުވައްޒަފުންނެވެ. މި ހަރަކާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރާއި އެމިނިސްޓްރީގެ އެހެން މުވައްޒަފުން ބައިވެރިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތު މީހުން ކިޔަވަން ފޮނުވައި ވެރިންނާއި އިދާރީ މުވައްޒަފުން މިއަދު މަސައްކަތު މީހުންގެ ވަޒީފާ އަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓްރީގެ މަސައްކަތު މީީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްގައި 35 މީހުން ބައިވެރިވެ އެވެ. މި ވޯކްޝޮޕްގައި ފަސްޓްއެއިޑް އާއި ސިއްހީ އެހެނިހެން މައުލޫމާތު ހިއްސާ ކުރާނެ އެވެ. އަދި މީހުންނާ މުއާމަލާތް ކުރާނެ ރީތި ގޮތްތައް ދަސްކޮށްދޭނެ އެވެ.