12 Oct 2019, 15:47
ދުނިޔޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެ ގަޑި އިރަށް ވުރެ އަވަހަށް ފުލް މެރަތަން އެއް ނިންމައި ކެންޔާގެ އެލިއޫޑް ކިޕްޗޯޖް، ތާރީހުން ޖާގަ ހޯދައިފި އެވެ.
މިއަދު އޮސްޓްރިއާގެ ވެރިރަށް، ވިއެނާގެ ޕްރެޓާ ޕާކުގައި އެލިއުޑް އެ ބޮޑު ކާމިޔާބީ ހާސިލް ކުރީ 1 ގަޑި 59 މިނިޓް 40 ސިކުންތުން 42.2 ކިލޯމީޓަރުގެ ފުލް މެރަތަން ދުވެގެންނެވެ. މި ދުވުމުގައި އޭނާއަށް އެހީތެރިވެދިނުމަށް 41 ޕޭސްމޭކަރުން ދުވި އިރު މިއީ މީގެ ކުރިން އިންސާނަކަށް ނުހެދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ދުވުމުގެ ރެކޯޑެވެ. ނަމަވެސް އެ ވާހަކަތަކަށް ގޮން ޖަހާލައި އެލިއުޑް މިއަދު އެވަނީ އިންސާނަކަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަން ސާބިތު ކޮށްދީފަ އެވެ.
ދުނިޔޭގެ އެތައް ޗެނަލަކާއި ޔޫޓިއުބުން ވެސް ލައިވްކޮށް ގެނެސްދިން މިއަދުގެ ދުވުމަކީ އިނގިރޭސި ބޮޑު ކެމިކަލް ކުންފުންޏެއް ކަމަށްވާ އިނިއޮސް އިން ސްޕޮންސަކޮށްގެން "އިނިއޮސް 1:50 ޗެލެންޖް"ގެ ނަމުގައި ބޭއްވި ދުވުމެކެވެ.
އެ ކުންފުނިން ވަނީ ދުރާލައި މި ރޭހަށް ތައްޔާރުވެފަ އެވެ. އެގޮތުން ރޭސް ބާއްވާނެ ތަނެއް ކަނޑައެޅުމާއި އެކަމަށް ދުވުންތެރިޔާ ވާންޖެހޭ ތައްޔާރީތައް ވެސް ދިރާސާ ކޮށްފަ އެވެ.
ކިޕްޗޯޖްގެ ދުވުން ބަލައި އޭނާއަށް ސަޕޯޓު ކުރުމަށްޓަކައި ގިނަ ބަޔަކު މިއަދު ވަނީ އޭނާ ދުވުމަށް ބޭނުން ކުރި ޓްރެކް ސަރަހަށްދަށް އެއްވެފަ އެވެ. ޖުމްލަ 25،000 އެއްހާ މީހުން، ޕާކްގެ އެކި ހިސާބުތަކުގައި އެއްވެ ތިބި ކަމަށްވެ އެވެ. މިއަދުގެ އެ ޗެލެންޗަކީ މީގެ ކުރިން ދުވަހަކުވެސް ހެދިފައި ނުވާ ބޮޑު ރެކޯޑެއް ކަމުން އެންމެން ވެސް ތިބީ ކިޕްޖޯޖް ރޭސް ވަގުތަށް ނިންމާނެ ކަމުގެ ބޮޑު އުންމީދެއްގަ އެވެ.
މިއަދުގެ ރޭސް ފެށުނީއްސުރެ އެލިއުޑް ދުވަމުން ދިޔައީ ބާރު ސްޕީޑުގައި ވަރަށް ހަމަޖެހިލައިގެން އެވެ. ރެކޯޑް ހެދުމަށް އޭނާ ކޮންމެ ކިލޯމީޓަރެއް 2:50 މިނަޓުން ނިންމަން ޖެހުނު އިރު އެއްބައި ކިލޯމީޓަރު ތަކުގައި 2:52 މިނަޓަށް އޭނާގެ ބާރުމިން ވެއްޓުނެވެ. ނަމަވެސް އޭގެ ބަދަލުގައި ޖެހިގެން އަންނަ ކިލޯމީޓަރުގައި ސްޕީޑް އަވަސްކޮށް އޭނާ ވަނީ 2:48 މިނަޓުން ވެސް ކިލޯ މީޓަރު ދުވެފަ އެވެ.
މިއަދުގެ ރޭސް އެލިއުޑް އަމާޒު ކުރި ވަގުތަށް ކާމިޔާބު ކުރެވުނު ނަމަވެސް އެ ރޭހުން އޭނާ ހޯދި ކާމިޔާބަކީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބޭނެ ކާމިޔާބެއް ނޫނެވެ. ސަބަބަކީ މެރަތަންގެ ރެކޯޑެއްގެ ގޮތުގައި، ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ އައިޑަބަލްއޭއެފުން ބަލާ މިންގަނޑުތަކާ ހިލާފު އެތައް ކަމެއް އިނިއޮސް ޗެލެންޖްގައި ހިމެނޭތީ އެވެ. އޭގެ ތެރޭގައި ޕޭސް މޭކަރުން ބޭނުން ކުރުމާއި އެނާޖީ ހިފަހައްޓަން މަނާ ބުއިންތައް ބޭނުން ކުރުން ހިމެނެ އެވެ.
އޭނާ އަމާޒުކުރި ވަގުތުގައި ރޭސް ނިންމުމަށް ފަހު، އެލިއޫޑް ބުނީ މަސައްކަތް ކޮށްފި ނަމަ ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެންމެން އެކުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ ދުނިޔެއަކީ އުޖާލާ ތަނަކަށް ހެދޭނެ ކަމަށެވެ.