ނިއުޒީލެންޑް ކައުންސިލް އިންތިހާބުގައި ވާދަ ކުރި ދިވެއްސަކު އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ނިއުޒިލެންޑުގެ ހަޓް ސިޓީގެ ކައުންސިލަރު ކަމަށް ކުރިމަތިލީ ޝާޒްލީ ރަޝީދު ވަނީ އިންތިހާބުގައި ކާމިޔާބު ހޯއްދަވައި އެ ސިޓީގެ ކައުންސިލަރެއްގެ މަގާމަށް އިންތިހާބުވެފަ އެވެ.

ޝާޒްލީ ހަޓްް ސިޓީގައި ދިރިއުޅުއްވާތާ 20 އަހަރު ވެފައިވާއިރު އޭނާގެ އަމިއްލަ ސެލޫން އެއްވެސް އެ ސިޓީގައި ހިންގަވަ އެވެ. އެ ސިޓީގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެގައި ހިމެނޭ ޝާޒްލީ އިންތިހާބަށް ކުރިމަތިލެއްވުމަށްފަހު ވިދާޅުވެފައި ވަނީ އޭނާގެ އަމާޒަކީ ހަޓް ސިޓީގައި އިތުރު ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، އިތުރު އިންވެސްޓްމަންޓްތައް ސިޓީއަށް ގެނެސް، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާ ސިޓީއަކަށް އެ ސިޓީ ހެދުން ކަމަށެވެ.

އަދި އެ ސިޓީއަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް އެންމެ ރަނގަޅު ސިޓީއަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޝާޒްލީ ވާދަ ކުރެއްވި ހަޓް ސިޓީގެ އާބާދީ އަކީ، 105,000 އެވެ. ޝާޒްލީއަށް 8،922 ވޯޓު ލިބިލެއްވި އެވެ. އެ ސިޓީއަށް ވާދަކުރެެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވީ ޝާޒްލީ އަށެވެ.

މި ކާމިޔާބީ އާއެކު ޝާޒްލީ ވަނީ އޭނާއަށް ވޯޓުދިން އެ ސިޓީގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދިވެހިން އިންތިހާބުތަކުގައި ވާދަކޮށް މިހާތަނަށް ކާމިޔާބުކޮށްފައި އެބަހުއްޓެވެ.

އެގޮތުން އަވަށްޓެރި ސްރީލަންކާގެ ކިރުލައްޕަންނަ އަވަށުގެ ކައުންސިލަރު އަހްމަދު އަބްދުﷲ ރަނަވަކަ ސާންތަ (ސިރިސޭނާ އަހައްމަދު) އަކީވެސް ދިވެއްސެކެވެ. އޭނާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރީ 2015 ވަނަ އަހަރު އެވެ. މީގެ އިތުރުން ޝީޝެލްސްގެ މަޖިލިސް ނައިބު ރައީސް، އަހްމަދު އަފީފަކީ ވެސް ދިވެހި ނަސްލުގެ ބޭފުޅެކެވެ. ސީޝަލްސްގެ މަޖިލިސް މެމްބަރުކަމަށް 2016 ސެޕްޓޭމްބަރުގައި އިންތިހާބުވި އަފީފު މަޖިލީހުގެ ނައިބު ރައީސް ކަމަށް އައީ މިިދިޔަ އަހަރު މާޗު މަހު އެވެ.