16 Nov 2011, 14:44
ވޮޝިންޓަން (ނޮވެމްބަރ 16) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ 7 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ މިޓްރުމްނީ ކަން ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެއެވެ. އެމެރިކާގެ އެބްސޮސް ފައުންޑޭޝަނާއި ރޮއިޓާސް ގުޅިގެން ކުރި ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން ރިޕަބްލިކަން ޕާޓީގެ 50% މެންބަރުންގެ ތާއީދު މިޓްރުމްނީ އަށް އެބައޮތެވެ.
މުއްސަނދި މަހުޖަނެއް ކަމަށްވާ މިޓްރުމްނީ އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްފަދަ ހަނގުރާމައާއި ތަޅާފޮޅުމުގެ ވިސްނުންގެންގުޅުއްވާ އަދި ކަނާތުފިޔައިގެ ނިއުކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެއްކަމަށް ހަނގުރާމަތަކާދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރެއެވެ.
ޕްރައިމަރީގެ ކޭންޕޭންގައި ރުމްނީ ދެއްވާފައިވާ ބަޔާންތަކާއި ތަޤްރީރުތަކުގައި ހަރުކަށި ޢަމަލުތަކަށް ހިއްވަރުދެއްވައިވާހަކަ ދައްކަވާފައިވެއެވެ. އަދި އީރާނަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުތައްވެސް ރުމްނީ ދެއްވާފައިވެއެވެ. މިޓްރުމްނީއާ އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވަނީ ހިރްމަންކޭންއެވެ. ރުމްނީއަށް ތާއީދު ބޮޑުވަމުންދިޔުމުގެ އެއްސަބަބަކީ އީރާންފަދަ އިސްލާމީ ޤައުމުތަކަށާއި ޙަމާސް އާއި ޙިޒްބުﷲ ފަދަ އިސްލާމީ ޖަމާއަތަތްތަކަށް ބިރުދައްކަވައި އޭނާ ދެއްވާ ހަރުކަށި ޚިތާބުތަކަކީ ރިޕަބްލިކަން ޕާޓީގައި ހިމެނޭ އެމެރިކާގެ "ގަދަބާރު" ދުނިޔެއަށް ދައްކާލަންއެދޭ ކަނާތުފިޔައިގެ ވިސްނުމުގެ މީހުންނާއި ޔަހޫދީ ޒަޔަނިސްޓް ލޮބީތަކުގެ މެދުގައި، މަޤްބޫލު ޚިތާބުތަކަކަށްވާތީ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ރުމްނީވަނީ ނިއުކްލިޔަރ ހަތިޔާރު ހެދުމުން އީރާން މަޙްރޫމް ކުރެވޭނެ ހަމައެކަނި ގޮތަކީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބުން ކަމަށާއި އެހެން ބޭފުޅަކަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ ކައިރި މުސްތަޤްބަލެއްގައި އީރާނުން ނިއުކްލިޔަރ ހަތިޔާރު ހަދާނެކަމަށް ވިދާޅުވެ ކޭޕްޕޭން ކުރައްވަން ފައްޓަވާފައެވެ. ރުމްނީގެ މިވާހަކަތައް އެމެރިކާގެ ކަނާތު ފިޔައިގެ ހަރުކަށި މީހުންނާއި ޔަހޫދީ ޒަޔަނިސްޓް ލޮބީތަކަށްވަނީ ވަރަށް ކަމުދާ ވާހަކަތަކަކަށް ވެފައިކަމަށް ޚަބަރުލިބެއެވެ.
ރުމްނީ އާ އެންމެ ގާތުން ވާދަކުރައްވާ ހިރްމަންކޭން ގެ މަޤްބޫލުކަން ރުމްނީއަށްވުރެ 10 % ދަށުގައިވާކަން މިދިޔަ އާދީއްތަ ދުވަހު އެމެރިކާގައި ޝާޢިޢުކުރި ޚިޔާލު ހޯދުމުގެ ސަރވޭން ހާމަވެއެވެ. -- ނޫސްއެޖެންސީތައް