14:30


މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅޭ އެންމެ ފޯރިގަދަ މެޗަކަށް ވާނީ ހަވީރު 4.30 ގައި އާޖެންޓީނާ އާއި ސައުތު ކޮރެޔާގެ ބައްދަލުކުރާ މެޗެވެ. ގްރޫޕް ބީގައި ގޯލްގެ ގޮތުން ސައުތު ކޮރެޔާ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތް ނަމަވެސް، ގަދަ ސޯޅައަށް ދިއުމަށް ދެ ޓީމަށް ވެސް ހަމައެކަނި އޮތް ފުރުސަތަކީ މިއަދުގެ މެޗުން މޮޅުވުމެވެ.


މިއަދުގެ މެޗަށް ސައުތު ކޮރެޔާ ނިކުންނައިރު އެ މީހުންނަށް އޮތް ހަމައެކަނި ހާސްކަމަކީ ސްޕެނިޝް ލަލީގައިގައި ބާސެލޯނާއަށް ކުޅެމުންދާ ހަލުވި ފޯވަޑް ލިޔޮނަލް މެސީ ހިފެހެއްޓުމެވެ. ދެކުނު ކޮރެޔާގެ ކެޕްޓަން މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ޕާކް ޖީސުން ބުނެފައި ވަނީ ދުނިޔެ ސިއްސުވާލާވަރު ނަތީޖާއެއް ފެނިގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ ވޯލްޑަކްޕްގައި ހިތަށްވެސް ނާރާފަދަ ނަތީޖާތަކެއް ފެނިގެންދާނެ ކަމަށެވެ.


ވޯލްޑްކަޕްގެ މިހާތަނަށް އައިއިރު އޭޝިޔާ ތަމްސީލްކުރާ ޓީމްތަކުން އަންނަނީ ރަގަޅު ކާމިޔާބުތަކެއް ހޯދަމުންނެވެ.


މިއަދުގެ މެޗަށް ކުރިމަތިލާއިރު އާޖެންޓީނާގެ ކޯޗް މެރަޑޯނާ އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ތަޖުރިބާކާރު މިޑްފީލްޑަރ ޖުއާން ސެބަސްޓިއަން ވެރޮން އަނިޔާވެފައިވުމެވެ. މިތަން ފޫބެއްދުމަށްޓަކައި މިއަދު ފެނިގެން ދާނެ ކުޅުންތެރިޔަކީ އިގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅެމުންދާ މެކްސީ ރޮޑްރިގޭސް އެވެ. މި ބަދަލާއެކީ އާޖެންޓީނާ ކުޅެމުން އަންނަ ފޯމޭޝަނަށް ބަދަލު އަންނާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ. މެރަޑޯނާ ބުނެފައި ވަނީ މުހިއްމީ ގިނަ ގޯލް ތަކެއް ޖެހުން ނޫންކަމަށާ މުހިއްމީ ތިން ޕޮއިންޓަކަމަށެވެ.


މިއަދު މާލޭގަޑިން 7.00 ޖަހާއިރު ނައިޖީރިޔާ އާއި ގްރީސް ބައްދަލަކުރާ މެޗުން ބަލިވާ ޓީމެއް ވެގެންދާނީ މިފަހަރުގެ ވޯލްޑްކަޕުން ފުރަތަމަ އަލްވަދާއު ކިޔާ ޤަވްމަށެވެ.


މިއަދު ދެން އެންމެ ފޯރިގަދަ މެޗަށް ވެގެން ދާނީ ފްރާންސާ އާއި މެކްސިކޯ މާލޭ ގަޑިން 11.30 ގައި ބައްދަލުކުރާ މެޗެވެ. ފްރާންސް މިމެޗުން މޮޅުވުމަށް ކުރިމަތިލާއިރު ޓީމު ތެރޭގައި ތަފާތު ޚިޔާލު ތަފާތުވުން އުފެދިފައިވާކަން މީޑިގައި ވަނީ ފެތުރިފަ އެވެ. ފްރާންސްގެ ކޯޗް ރޯމަން ޑޮމިނިޗް ގެންގުޅޭ ރޭވުންތެރިކަމަށް ކުރީގެ ފްރާންސްގެ ތަރި މިޝެލް ޕްލެޓިނީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިރޭ ފްރާންސްގެ ޑިފެންސަށް މެކްސިކޯއިން ބާރު ބޮޑު ކުމަށް ނެރޭނެ ދެ ކުޅުންތެރިންނަކީ މިދިޔަ ސައުތު އެފްރިކާ މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑި ސަންޓޯ އާއި އާސެނަލްގެ ތަރި ވޭލާ އެވެ. މިރޭ މެކްސިކޯ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުންނާނީ ސައުތު އެފްރިކާ އާއި ބައްދަލުކުރި މެޗުގައި ލަނޑު ކާމިޔާބްކޮށް ދިން ބާސެލޯނާގެ ޑިފެންޑަރ ރަފެއަލް މާކޮއެސް އެވެ.