މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް"ގެ ތިންވަނަ ވަނަ ބުރުގައި އެހީދޭނޭ ފަސް ޕްރޮޕޯސަލް ހޮވައި އެކަން އާންމުކޮށްފި އެވެ.

އާންމު މީހުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން މިފަހަރުވެސް ފަސް ރަށަކަށް އެހީ ދޭނެ އެވެ.

އެހީދޭ ޕްރޮޖެކްޓްތައް:

  • ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން: މައި ޗޮއިސް އިސް ފުޓްބޯލް

  • ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން: ޒިގް ޒެގް ފޯ ޔޫތް ލިންކޭޖް
  • ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން: އަހުމަދު ރަޝީދު
  • ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން: އައިޑިއާސް
  • ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން: ކަނޑޫ ސްޕޯޓްސް ކްލަބް

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެ ފަންޑް މެދުވެރިކޮށް މިހާތަނަށް ވަނީ 10 ރަށެއްގައި ހިންގި އިޖުތިމާއީ މަސައްކަތްތަކަށް އެހީތެރިވެދީފަ އެވެ. އަދި އެ އެހީތަކުގެ ސަބަބުން، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެ، އޭގެ ފައިދާ އާންމުންނަށް ލިބެމުންދާކަން ސައީދު ފާހަގަ ކުރެއްވި އެވެ.

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފަ،" ސައީދު ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އިފްތިތާހްކޮށްފައިވަނީ ދިވެހިންނާ އެކު އޮތް ގުޅުން ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެވެ. ބީއެމްއެލްއިން މުޖުތަމައަށް އެހީވުމަށް ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިއަހަރު ތެރޭ އެ ބޭންކުން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާކޮށް ފައެވެ.