މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ކުރިއަށް ދިޔަ ހަ ވަނަ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ކަޕުން ތިން ވަނަ ހޯދުމަށް ފަހު ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓީމު ރޭ މާލެ އައިސްފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ޓީމަށް މަރުހަބާ ދެއްނެވީ އޮލިމްޕިކް ކޮމެޓީގެ ކުރީގެ ޗެއާމަން ޒާހިރު ނަސީރާއި ކެރަމް އެސޯސިއޭޝަންގެ އިސްވެރިންނެވެ.

މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމު ތިން ވަނަ ހޯދީ 20 ގައުމާ ވާދަކޮށްގެންނެވެ. އަދި ރާއްޖޭގެ އަންހެން ޓީމު ތިން ވަނަ ހޯދީ 19 ގައުމާ ވާދަކޮށެވެ.

މުބާރާތަގުގައި ރާއްޖެ އިން ވާދަކުރާ ފިރިހެން ޓީމުގައި ހަތަރު ކުޅުންތެރިން ހިމެނޭ އިރު، އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނެވެ.


ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ ހުސެއިން ނީޝާމް، ހަސަން ނާޒިމް، ޝާފީ މުހައްމަދު އަދި އަހްމަދު ހާމިދެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ފައިނާޒް، އައިމިނަތް ނިފާޝާ، އަދި އައިމަން ވިޝާމާ އެވެ.


އައިސީއެފް ކަޕަކީ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕާއި ކެރަމް ވޯލްޑް ކަޕް ނެގުމަށް ފަހު ދުނިޔޭގައި ބާއްވާ ތިން ވަނަ އަށް އެންމެ ބޮޑު ކެރަމް މުބާރާތެވެ. މުބާރާތުގައި ވާދަކުރި ޤައުމު ތަކުގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫއެސްއޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫއޭއީ ފަދަ ޤައުމުތައް ހިމެނެ އެވެ.