11 Oct 2019, 23:22
ދިވެހި ދައުލަތް މިނިވަންކަމާއެކު އޮންނަންޖެހޭނެ ކަމަށް މި ސަރުކާރުން ގަބޫލު ނުކުރާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
"އަންނަނީ، އަންނަނީ" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް އެންމެ މުގައްދަސް އެއްޗަކީ މިނިވަންކަން ކަމަށް މީގެ ކުރިން ތިބި ވެރިން ގަބޫލު ކުރި ކަމަށާއި ނަމަވެސް މި ސަރުކާރުން އެގޮތަށް ނުދެކޭ ކަމަށެވެ.
"އޭރުތިބި ހުރިހާ ބޮޑުން ގަބޫލުކުރޭ އަޅުގަނޑުމެންނަށް އެންމެ މުގައްދަސް ކަމަކީ އަޅުގަނޑުމެންގެ މިނިވަންކަމާ އަޅުގަނޑުމެންގެ ދައުލަތް. މިއަދު މިއޮތް ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ އެންމެ މުގައްދަސް އެއްޗަކީ މިނިވަންކަމާ އެކީ ދައުލަތެއް އޮތުންކަމަށް. އަޅުގަނޑުމެންގެ ފަސްގަނޑަކީ މިނިވަން އަދި އެފަސްގަނޑުން ލިބޭ މަންފާ ފުރިހަމައަށް ދިވެހިންނަށް ލިބެންވާނެ ފަސްގަނޑެއް ކަމަކަށް މިހާރު މިއޮތް ސަރުކާރުން ގަބޫލެއް ނުކުރެ،" ޔާމީން ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެން އެތައް މަސައްކަތެއް ކޮށްގެން ލޭ އޮހޮރުވައިގެން މިކުރާ ބިނާތަކާ އެ ބިނާތަކުން ލިބޭ މަންފާ ސައްތައިން ސައްތަ ދިވެހިން އަތުގައި އޮންނަންވާނެ ކަމަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދެންވެސް ޕީޕީއެމް ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ އަދިވެސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަނެ އިސްތިގުލާލަށް ބަސްބުނެ ހަދާނެ ބަޔަކު ނާންނާނެ ކަމަށެވެ.
"ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ނޫންތޯ؟ އަޅުގަނޑުމެންގެ ތެރޭގައި އެކަން ނިންމޭނެ ވަރުގެ މީހުން އެބަތިބި،" ކަމަށް ވިދާޅުވީ ޔާމީން ވިދާޅުވީ މިހާރުވެސް ހާއިނުން އެބަތިބި ކަމަށެވެ. އެފަދަ މީހުން މިހާރުވެސް ސިޔާސީ ލީޑަރުންގެ ގޮތުގައި އެބަތިބި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ޑިމޮކްރަސީ އަކީ ވެރިކަން ކުރުމަށް އޮތް އެންމެ ރަނގަޅު އެއް ނިޒާމު ކަމަށާއި ނަމަވެސް ހުރިހާ ގައުމެއްގައި އޮތީ ޑިމޮކްރަސީގެ އެއް ނިޒާމެއް ނޫން ކަމަށެވެ. ކޮންމެ ގައުމެއްގައިވެސް ޑިމޮކްރަސީ އޮންނަނީ އެގައުމަކަށް އެންމެ ކަމުދާ ވަރަށް ފައްތާފައި ކަމަށާއި ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ކަންތައް ނިންމާ، ދައުލަތް ހިންގުމަށްޓަކާ އެމީހުންގެ ސަގާފަތާއި ގަބޫލު ކުރުންތަކަށް ފެތޭގޮތަށް ޑިމޮކްރަސީގެ އުސޫލުތައް ބަދަލުކުރާ ކަމަށެވެ.
"އިންސާނުން އެމީހުންގެ ދިރިއުޅުމަށް، އަދި އެމީހުންގެ ކަންތައް ނިންމުމަށް، އެމީހުންގެ ގާނޫނުތައް ހިންގުމަށް ނޫނީ މުވައްސަސާތަކުގެ ތެރޭގައި ކަންތައް ހިންގުމަށް ހަދާ އުސޫލުތަކާ، ކިހިނެއްތޯ އެއްގޮތް ކުރާނީ ﷲގެ ހަޒްރަތުން އަންގަވާފައިވާ އެއްޗަކާ އެއްގޮތްކުރާނީ؟ މުސްލިމުންނަށްވެ ތިބެ ކިހިނެއްތޯ އެކަން ކުރާނީ،" ރައީސް ޔާމީން ވިދަޅުވީ ދިވެހިން މުސްލިމުންނަށްވެތިބެ، ދިވެހިންގެ އުސޫލުތައް ހަދަންވާނީ އިސްލާމްދީނާ ހިލާފުނުވާ ގޮތަށް ކަމަށެވެ.
ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވާއިރު ދީނަ ހިލާފު ކަންތައްތަކުގައި ރާއްޖެއިން އަބަދުވެސް ރިޒަވޭޝަންސް ގެންގުޅޭކަން ޔާމީން ފާހަގަ ކުރެއްވިއެވެ.
"އެހެންވެ މި ދަންނަވަނީ ޑިމޮކްރަސީއަކީ ކޮންމެ ގައުމަކަށްވެސް ހެޔޮވަރުވަރަކަށް ފައްތާ އެއްޗެކޭ،" ޔާމީން ވިދާޅުވިއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުނުވެ ލަސްވުމުން އެކަމަށްވެސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.
"އިސްލާމީ ދައުލަތެއްގައި، ދީނުގެ އުސޫލުތަކަށް ގޮންޖަހާފައި ރައްޔިތުން ނިކުތީމާ ކިހިނެއްތޯ މިވަނީ؟ އެއަކަށެއް ރައީސުލްޖުމްހޫރިއްޔާ ވިސްނަވާކަށް ދެ ހަފްތާ ނަގައިގެން ނުވާނެ. ކަންކަން ހޫނުކެނޑި އެއަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ޖާގަ ދީގެން ނުވާނެ. އެންމެ ފުރަތަމަ ހައްގު ބަސް އޭގައި ބުނަން ޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަން ތަންފީޒު ކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ،" ކުރީގެ ރައީސް ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރާއިރު އެ މައްސަލަ ލުއިކޮށް ދޫކޮށްލުން ބަލައި ނުގަނެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.