12 Oct 2019, 08:15
މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދު އަލީއަށް ދީފި އެވެ.
އެ އިނާމު އިތިއޯޕިއާގެ ބޮޑުވަޒީރަށް ދިނީ އެގައުމާއި އެރިޓްރިއާ ދެމެދު އޮތް 20 އަހަރުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސްދެއްވައި، ސުލްހައަށާއި ދާހިލީ ގުޅުން ބަދަހި ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވެ.
އެ އިނާމު ލިބުމުން އަބީ ވަނީ އެ އިނާމަކީ މުޅި އެފްރިކާ ބައްރަށް ލިބުނު އިނާމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެ އިނާމުގެ ސަބަބުން އެފްރިކާގެ އެހެން ގައުމުތަކުގެ ލީޑަރުން ވެސް އެ ބައްރުގައި ސުލްހަ ގާއިމުކުރަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އަބީ ވިދާޅުވި އެވެ.
އިތިއޯޕިއާގެ ބޮޑުވަޒީރުގެ މަގާމާ 2018 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށްފަހު އަބީ ވަނީ އިދިކޮޅު އެތައް ހާސް އެކްޓިވިސްޓުން ޖަލުން މިނިވަން ކުރައްވައި އެގައުމުގެ ސަރުކާރަށް ފާޑުކިޔައިގެން އެގައުމުން ބޭރުކޮށްލާފައި ތިބި މީހުން އަލުން އަނބުރާ އެގައުމަށް އައުމުގެ ހުއްދަ ދެއްވާފަ އެވެ. އަދި އިތިއޯޕިއާޔާ އިންވެގެން އޮންނަ އެރިޓްރިއާއާ ދެމެދު ސުލްހައިގެ އެއްބަސްވުމުގައި އޭނާ ސޮއިކުރެއްވީ 2018 ވަނަ އަހަރުގަ އެވެ.
އަބީ އެ އިނާމު ކާމިޔާބު ކުރެއްވީ ޖުމްލަ 301 ކެންޑިޑޭޓުންނާ ވާދަ ކުރައްވައިގެންނެވެ. އޭގެ ތެރެއިން 78 ފަރާތަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއަށް މަސައްކަތް ކުރާ އެކިއެކި ޖަމާއަތްތަކެވެ.