ޝަންގްރިއްލާ ރިސޯޓް ފަރަށް އަރާފައި ހުރި ތައިލޭންޑްގެ "އެމެރަލްޑް ރީފާ" ފުން ކުރުމަށް ބޭރުގެ ބޮޑު ޓަގު ބޯޓެއްގެ އެހީ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
ނަމަވެސް އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި "އެމެރެލްޑް ރީފާ"ގެ ރާއްޖޭގެ އޭޖެންޓް މުޖްތަބާ މުސްތަފާ މިއަދު ވިދާޅުވީ ދިޔަވަރު ބޮޑުވެ، ކިރިޔާ ވެސް ބޯޓު ފުންކުރެވޭ ވަރު ވުމުން ޓަގު ބޯޓެއްގެ އެހީގައި ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެތަނަކީ ވަރަށް ގަދަ ތަނެއް. ރޭގައި ވެސް އެއްޗަކަށް ]ފަރަށް އަރާފައި ހުރި އާގު ބޯޓާއި[ ކައިރި ވެސް ކޮށްނުލެވޭ. ދެން އެ ވަރުގެ އެއްޗެއް ޖަހާނެ ވަރުގެ ބޮޑު ޓަގެއް ފުރަތަމަ ނެތީ މިކޮޅުގައި. ދެން އަޅުގަނޑުމެން ބޭރު ޓަގެއް ގެނެސްގެން އެ މީހުންނާ ވާހަކަ ދައްކައިގެން، ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު މިހާރު ބޯޓާ ކައިރިއަށް ދިއުމުގެ މަގުމަތީގައި ވަނީ،" މުޖްތަބާ ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ ބޯޓު ފަރަށް އަރަން މެދެވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާ ކަމަށާއި ބޯޓަށް ލިބުނު ގެއްލުން އަގުކުރަން ވެސް އެގޭނީ ބޯޓު ފުން ކުރެވުމަށް ފަހުގައި ކަމަށެވެ.

"ބޯޓު ފަރަށް އަރަން މެދުވެރި ސަބަބެއް އެއްގޮތަކަށް ވެސް އަދި ނޭނގެ. އަޅުގަނޑުމެން ވެސް މިތިބެނީ ކިހިނެއްވީ ކަމެއް ނޭނގިފައި. ބޯޓަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް ވާނެ. ދެން ބޯޓު ފުންކުރެވުނީމަ އެކަންތައް އެނގޭނީ،" މުޖްތަބާ ވިދާޅުވި އެވެ.

ތައިލެންޑްގެ "އެމެރަލްޑް ރީފާ" ޝަންގްރިއްލާ ރިސޯޓުގެ ފަރަށް އަރާފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ބޯޓަކީ ހުއްދަ ލިބިގެން ރާއްޖެ އިން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ އާގު ބޯޓެކެވެ.