މިއަދު ހެންވޭރު ގެއެއްގއި މަރުވެފައި އޮއްވާ ފެނުނު މީހާ އަށް އަނިޔާކޮށްފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ހ. އަންނާރުމާގޭގައި ޒުވާނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު މިއަދު 10:24 ހާއިރު ފުލުހުންނަށް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އަންނާރުމާގެއިން ވާހަކަ ދެއްކި އާއިލާގެ މީހަކު "ސަން" އަށް މިއަދު ބުނި ގޮތުގައި އޭނާގެ މޫނު މަތިން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

"ބޮލާ ތަންތަން ހުރީ ފަޅައިގެން ގޮސްފައި. ލޯ ކައިރިންވެސް ހުރީ ފަޅައިގެން ގޮސްފައި،" އާއިލާގެ މީހާ ކިޔައިދިނެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން މަރުވި މީހާގެ އަނގައިން ފޮނު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ނިއްކުރީގައި ތިލަކޮށް ކަނޑައިގެން ގޮސްފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި ނިއްކުރީގައިވާ އަނިޔާ އަކީ މީހާގެ ފުރާނައަށް ގެއްލުންވާވަރުގެ އަނިޔާއެއްކަމަށް ފާހަގަ ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އޭނާގެ ނިއްކުރީގައިވާ ޒަހަމަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާއެއްކަމަށް ބެލެވޭ އެއްވެސްކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މަރުވެފައި އޮއްވާ ފެނުނީ ހ. އަންނާރުމާގޭ ހުސެއިން ހިޝާމް ރަޝީދު 28އ އެވެ.