11 Oct 2019, 18:25
އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް)ގެ އެއްވަނައިގައި އޮތް ވާދަވެރި ލިވަޕޫލުން މިދިޔަ ހަފްތާގައި ލީޑް ފުޅާ ކުރުމާއެކު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ޗުއްޓީއަށް ރާއްޖެ އައިސްފި އެވެ.
މިދިޔަ ހަފްތާގެ މެޗުތަކަށްފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު ވަނީ މެދުކަނޑާލާފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ސިޓީ އީޕީއެލް ގައި ކުޅުނު މެޗުން ވުލްވްސް އަތުން 2-0 އިން ބަލިވުމުން ލިވަޕޫލުން ވަނީ އަށް ޕޮއިންޓެއްގެ ލީޑެއް ނަގައި، 24 ޕޮއިންޓާއެކު ތާވަލް އެއްވަނައިގައި ހަމަޖެހިލާފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގާޑިއޯލާ ރާއްޖެ އައީ ހޯމަ ދުވަހު ހެނދުނު އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ، އަލްޓްރާ ލަގްޒަރީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓުގަ އެވެ.
އޭނާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި އޭނާ ޖެހި ޕޯސްޓެއްގައި ބުނީ، މިވަގުތު އޭނާ ހުރީ "އިންޓަނޭޝަނަލް ބްރޭކް މޫޑެއް"ގައި ކަމަށެވެ. އިތުރު އެއްޗެއް އޭނާ ބުނެފައެއް ނުވެ އެވެ. އަދި ރާއްޖޭގެ ފޮޓޯއެއްވެސް އޭނާ ޕޯސްޓް ނުކުރެ އެވެ.
އާދިއްތަ ދުވަހުގެ މެޗަށްފަހު ގާޑިއޯލާ ބުނެފައިވަނީ، ޓައިޓެލް ރޭހުގައި އަދިވެސް އެ ކުލަބު އެބަ އޮތް ކަމަށާއި އަދިވެސް ލީގުގައި ގިނަ މެޗު ކުރިއަށް އެބަހުރި ކަމަށެވެ.
ވިދިވެގެން ތިން ފަހަރަށް ގާޑިއޯލާއެކު އީޕީއެލް ތަށި ދިފާއު ކުރުމަށް ނިކުތް ސިޓީ ތާވަލްގެ ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުއެވެ. ސިޓީ މި ސީޒަންގައި ޖުމްލަ އަށް މެޗު ކުޅުނުއިރު، ދެ މެޗުން ބަލިވެ، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.