ސަތާރަ ވަނަ ސާކް ސަމިޓާއި ދިމާކޮށް އައްޑޫ ސިޓީގައި ބަހައްޓާފައިހުރި ބުދު ހިމެނޭ މޮނިއުމަންޓްތައް އެތެރެ ކޮށްފައިވަނީ ކަސްޓަމުގެ ހުއްދައާއިއެކުގައިކަމަށް ބުނެ ކަސްޓަމްސްއިން ހުއްދަ ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިއަދު ފުލުހުންނަށް ހުށައަޅައިފި އެވެ. މައްސަލަ ހުށަހެޅީ ޕީޕީއެމް ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ފުލުސް އޮފީސް ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ތިން ގާނޫނަކާއި ޚިލާފަށް ރާއްޖެއަށް ބުދު އެތެރެކޮށް ބުދު ބަހައްޓާ ފުލުހުން އެ ބުދު ހިމާޔަތް ކުރުމަކީ ޖިނާއީ މައްސަލައެއްކަމުގައި ބެލެވޭތީ އެކަމުގައި ކަސްޓަމްސް އިހުމަލްވެފައިވާ ކަމަށެވެ. އޭނަ ފުލުސް އޮފީހުގައި އެދިފައި ވާނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ޝަރީއަތަށް މައްސަލަ ހުށައަޅައިދިނުމަށެވެ.

"މައްސަލަ ހުށައެޅި ސިޓީއާއި ފުލުހުން ވަނީ ހަވާލުވެފައި. މާދަމާ އެ މައްސަލާގައި ފުލުހުން ވަކިއެއްޗެއް އަންގާނެ ކަމަށް ވަނީ ބުނެފައި،" މާޒް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށައެޅި ސިޓީ ޕޮރޮސެކިއުޓާ ޖެނެރަލް އަށާއި ފުލުހުން ބުދު ހިމާޔަތްކުރުމަށް މަސައްކަތް ކޮށްފައިވަތީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މިއަދު ހުށައަޅާނެ ކަމަށެވެ.

މިމައްސލަ ހުށައަޅަން ސަލީމާއެކު މަޖިލީހުގެ ގެމަނަފުށީ ދާއިރަގެ މެމްބަރު އިލްހާމް އަހުމަދު ވެސް ވަޑައިގަތެވެ. އޭނާ ވިދާޅުވީ ހުށައެޅުނު މައްސަލައަކީ ރަނގަޅު މައްސަލައެއް ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށް ފަހު ވީހާވެސް އަވަހަށް ޕީޖީއަށް ފުލުހުން ހުށައަޅާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

Ilham Ahmed (mp3)

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގައި ބުނަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ނަގާލުމުގެ މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތަކަށް ޢަމަލު ކުރުމާއި އެއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާކަމެއް ކަމަށެވެ.