ކަތިވަޅިއަކުން ޖަހައި މީހަކު ޒަޚަމް ކޮށްލި ކަން ޝަރީއަތަށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ހ. އަގި، އަސީލް އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލިކަމުގެ ދައުވާގެ ހެކި ބަސް ނެގެން ނެތުމުން ޝަރީއަތްތައް ނިންމާލައިފިއެވެ.

އަސީލުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގ. މެޑޯ އިސްމާއިލް ޒިހާނާއި، މ.ސަންރައިޒް، އަހުމަދު ނާއިފުގެ މައްޗަށެވެ.
އަސީލާއި، ޒިހާން އަދި ނާއިފް ގެ މައްޗަށް ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އެތިން މީހުން ގުޅިގެން ހދ. ކުޅުދުއްފުށީ ހުސެއިން ޒަހުރާނަށް ވަޅިއަކުން ހަމަލާދީ ފައިވާ ކަމަށްބުނެއެވެ.

ހެކި ބަސް ނެގުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގައި ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ ވަޅިހަރައި އަނިޔާ ކުރިކަމަށް ބުނާ ހދ. ކުޅުދުއްފުށީ ހުސެއިން ޒަހުރާނުގެ ހެކިބަސްކަމަށާއި، އޭނާގެ ހެކިބަސް ނަގަން ބެލިއިރު، ލިބުނު އަނިޔާތަކަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާތީ ހެކިބަސް ނެގެން ނެތްކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގެ ހެކިބަސް ނެގެން ނެތުމުން އަޑު އެހުންތައް ނިންމާލީ ކަމަށާއި އަންނަ އަންގާރަ ދުވަހު އެ މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީސް ބާއްވާނެކަމަށެވެ.

މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިއެއްކަމަށް ފުލުހުން ބުނާ އަސީލް ގެ މައްޗަށް އިތުރު ތިން ދައުވާއެއް ކުރުމަށް މިއަހަރުގެތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެ ދައުވާއަކީ މާލޭ ދަފްތަރު 1480 މަރިޔަމް ސަނާ އާއި އަސީލުއާ ދެމީހުން ބަދުއަޚުލާގީ އަމަލު ހިންގިކަމަށްބުނެ ހުށަހަޅާފައިވާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑް އުފެއްދުމާއި ގެންގުޅުމުގެ ދައުވާއެވެ.