ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ކުރީގެ މިސް ވޯލްޑް އައިޝްވާރިޔާ ރާއީ ބަޗަން އާއި އަބީޝޭކް ބަޗަން އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އައިޝްވާރިޔާ އަށާއި އަބީޝޭކަށް އަންހެން ދަރިއަކު ލިބުނުކަން އިޢުލާންކޮށްފައި ވަނީ އަބީޝޭކްގެ ޓުވިޓާގަ އެވެ. "އެއީ އަންހެން ކުއްޖެއް" އަބީޝޭކްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އަބީޝޭކްގެ ބައްޕަ އަބީތާބު ބަޗަންވެސް ވަނީ އާއިލާ އަށް އިތުރުވި މެންބަރުގެ ވާހަކަ އޭނާގެ ޓުވިޓާގައި ހިއްސާކޮށްފަ އެވެ. "އަހަރެން ލޯބި އަންހެން ކުއްޖެއްގެ ދާދާ ޖީ (ކާފަ)އަކަށް،" ލިބުނު އުފާ ބުނެދެމުން އަބީތާބު ބުނެފައިވެ އެވެ.

އައިޝްވާރިޔާ ވިހެއީ މިއަދު ހެނދުނުގެ ވަގުތެއްގައި މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމުގައިވާ ސެވަން ހިލްސް ހޮސްޕިޓަލުގައި ކަމަށް ޓައިމްސް އޮފް އިންޑިޔާ ބުނެ އެވެ.

އެ ދެ މީހުންނަށް ދަރިއަކު ލިބުމުގެ އުފަލުގައި އިންޑިޔާގެ ރައްޔިތުން އަންނަނީ އުފާ ފާޅުކުރަމުން ނެވެ. އަދި ވަރަށް ގިނަ ބަޔަކު އެދެމަފިރިންނަށް އަންނަނީ ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

އުމުރުން 38 އަހަރުގެ އައިޝްވާރިޔާގެ ފިލްމީ ކެރިއާ ފަށާފައި ވަނީ 1994 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ރީތީ ރާނީ މުބާރާތުން އެންމެ ރީތި އަންހެނާ ކަމުގެ ތާޖު އެޅުނު ހިސާބުންނެވެ.

އައިޝްވާރިޔާގެ ފިލްމީ ދާއިރާ އިން އެންމެ ފުރަތަމަ ފެނިފައި ވަނީ ޓެމިލް "އިރުވަރު" ކިޔާ ޓެލެ ފިލްމަކުން 1997 ވަނަ އަހަރު އެވެ. އެއަށް ފަހު 1998 ވަނަ އަހަރު ނުކުތް ޓެމިލް ފިލްމެއް ކަމުގައިވާ ޖީންސް އިން ނެވެ.

އަބީޝޭކް ބަޗަންއާ އެކު 2007 ވަނަ އަހަރުގެ ޖަވާޒީ ހަޔާތެއް ފަށާފައިވާ އައިޝްވާރިޔާ މަގްބޫލްކަން ބޮލީވުޑްގައި އިތުރުވާން ފެށީ ބޮލީ ވުޑް ފިލްތަކުން އޭނާ ފެންނަން ފެށި ހިސާބުން ނެވެ. ބޮލީވުޑްގައި އައިޝްވާރިޔާ ކުޅުނު ފުރަތަމަ ފިލްމް "އޯރް ފިޔާރު ހޯގަޔާ" ފްލޮޕަކަށް ވިޔަސް އެ އަހަރު އައިސްވާރިޔާ ވަނީ ސްޓާސްކްރީން އެވޯޑްގައި އަލަށް ތައާރަފްވާ މޫނު (ބެސްޓްނިއުކަމާ)ގެ އެވޯޑް ހޯދާފަ އެވެ.

ބޮލީވުޑްގައި އައިޝްވާރިޔާ އޭނާގެ މަގްބޫލްކަން ހޯދީ 1999 ވަނަ އަހަރު ނުކުތް ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ހަމް ދިލް ދޭ ޗުކީހޭ ސަނަމް" އިންނެވެ. އެ އަހަރު އޭނާ އަށް ފިލްމް ފެއާ އެވޯޑްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ވަނީ ލިބިފަ އެވެ.